16 May 2015, 14:13
ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ރައީސް ޔާމީން ދެވަނަ ފަހަރަށް އިލްތިމާސް ކުރެއްވުމުން އެކަމާ މެދު މާދަމާ އިދިކޮޅު ފަރާތްތަކުން ގޮތެއް ނިންމާނެ ކަމަށް އެފަރާތްތަކުން ބުނެފި އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު "ސަން" އަށް މިއަދު ވިދާޅުވީ "އަނިޔާވެރިކަމާ" ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަން ފެށި މަސައްކަތަކީ ވަކިވަކިން ކުރަން ފެށި މަސައްކަތެއް ނޫން ކަމަށެވެ. އެހެންކަމުން މަޝްވަރާ ކުރުމަށް ވެސް އެފަރާތްތަކުން ގޮތެއް ނިންމާނީ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ މިކަމުގައި [އަނިޔާވެރިކަމާ ދެކޮޅަށް] އަޅުގަނޑުމެން އުޅެން ފެށީންސުރެއް މިކަމަކީ ވަކި ޕާޓީއެއްގެ ކަމެއް ނޫން ކަމަށް ދެއްތޯ." ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ތިން ޕާޓީ ކަމަށްވާ އެމްޑީޕީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އަދާލަތު ޕާޓީން އެއްކޮށް އެކަމުގައި މަޝްވަރާ ކުރުމަށް ފަހު ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ގޮތެއް ނިންމާނެ ކަމަށެވެ.
ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށް ޓަކައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިލްތިމާސްކުރައްވާފައި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ދެ ވަނަ ފަހަރަށް ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް އެގޮތަށް އިލްތިމާސް ކުރެއްވި އެންމެ ބޮޑު އެއް ބޭނުމަކީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުން ކަމަށެވެ.
މުއާޒު ވިދާޅުވީ، ރައްޔިތުންގެ ފައިދާއަށް ޓަކައި ސަރުކާރުން ކޮށްދެއްވާ ކަންތައްތަކަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމު ކުރެވިގެން ދިއުން ކަމަށެވެ.
އިދިކޮޅު އެމްޑީޕީން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވެފައި ވަނީ މަޝްވަރާ ކުރުމަށް ބޭނުންފުޅުވަނީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެޕާޓީގެ ޗެއާ ޕާސަން އަލީ ވަހީދުއާ އެކު ކަމަށެވެ.
ސަރުކާރުން މަޝްވަރާ ކުރުމަށް ގޮވާލުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އަބަދުވެސް އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރައީސް ނަޝީދުއާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްއާ ސިޔާސީ ކަންކަމުގައި ހައްޔަރުކޮށްފައި ތިބި ފަރާތްތައް ދޫކޮށްލުމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިިލާފު ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށާއި އެހެންނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.