ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ހިންގި ވެސްޓް ޕާކް ހުރި ބިން ހުސްކޮށް އާމިރު މަންސޫރު އާ ހަވާލުކޮށްފި އެވެ.

ޖާބިރު ހިންގަމުން އައި ވެސްޓްޕާކްގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން ވަނީ އެތަން ހިންގުމަށް ކުރީގެ ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެތަން ހުސްނުކޮށް ޖާބިރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. ސިވިލް ކޯޓުން އެބިން އާމިރު އަށް ދިނުމަށް އެންގުމުން ސިޓީ ކައުންސިލް އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ބިން ހުސްކޮށްފަ އެވެ.

މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބް މިއަދު ސަން އަށް ވިދާޅުވީ އެބިން ހުސްކޮށް އާމިރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށް ހަމަޖައްސަން ޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ޝިހާބް ވިދާޅުވި އެވެ.

ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ގޮސް ހިތްހަމަޖައްސާލައި ލުއި ފަށޭހަ ގޮތެއްގައި ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައި ވެސްޓްޕާކް ތަރައްގީ ކުރުމަށް ސަރުކާރުން ކޮށްފައިވާ ޕްލޭންގެ ދަށުން އެތަން ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި ފަސް ފަރާތުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅައިގެން ބީލަން ކާމިޔާބު ކުރި ފަރާތުން ވެސްޓްޕާކް ތަރައްގީ ކުރުމަށް ހުށަހަޅައިފައިވާ ޕްރޮޕޯޝަލްގައި ބުނެފައި ވަނީ އެތަން ތަރައްގީ ކުރާނީ "އިޓަލިއަން ސްޓައިލް"ގެ ރެސްޓޯރެންޓަކާ ވެސް އެކުގައި ހިތް ފަސޭހަ ޕާކެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް އެތަން ކުއްޔަށް ދިން އަގެއް ސިޓީ ކައުންސިލްއަކުން ނުބުނެ އެވެ.

ޔޮޓް ޓުއާޒް އަށް އެތަން ކުއްޔަށްދީފައި އޮތީ މަހެއްގެ މައްޗަށް 140،000 ރުފިޔާ އަށެވެ. އެ ކުންފުންޏަށް ވެސްޓްޕާކް ކުއްޔަށް ދީފައިވާ މުއްދަތު 2012 ވަނަ އަހަރުގެ ސެޕްޓެންބަރު 30، ގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.