މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބޭނުން ކޮށްގެން ބަރަހަނާ ފޮޓޯ ފޮނުވަމުންދާ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު އިތުރު ވެފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓްގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަމީމް ވިދާޅުވީ، ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯތައް ފޮނުވައި، ފަހުން ދެމީހުންގެ ގުޅުން ކެނޑިގެންދާ ހިސާބުން އެފަދަ ފޮޓޯތައް އިންޓަނެޓްގައި އާއްމު ކުރާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދިއުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ އެކަކު އަނެކަކަށް ފޮނުވާފައި ހުންނަ ފޮޓޯތައް ދެމީހުން ރުޅިވުމުން އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބްލެކްމެއިލް ކުރާ މައްސަލަތައްވެސް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. އަދި މިގޮތަށް ހުށަހެޅޭ މައްސަލަތަކަށް ބާލާއިރު ޚާއްސަކޮށް އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ފޮނުވާފައިވާ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަ ކުރެވޭކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބަލާއިރު އެފަދަ ފޮޓޯތައް ފޮނުވާފައިވާ އަންހެން ކުދިންނަށް ބިރުދައްކައި ލޯބީގެ ގޮތުން ގުޅިގެން އުޅެން މަޖުބޫރުކޮށް، ފިރިހެން ކުދިން ބޭނުންވާ ތަންތަނަށް ގެންގޮސް ބަދުއަޚްލާގީ އަމަލު ހިންގައި، ޖިންސީ ގޯނާކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ ފުރާވަރަށް އަޅަމުން އަންނަ ކުދިނާ ބެލެނިވެރިންގެ އިތުރުން މުޅި މުޖުތަމައު ވިސްނަން ޖެހޭފަދަ ކަމެއް ކަމަށާއި މިކަމަށް މުޖުތަމައު ސަމާލުކަން ނުދީފިނަމަ ހީވެސް ނުކުރާފަދަ ނުރަނގަޅު ކަންކަން ކުރިމަތިވުމަކީ ވެދާނެކަމެއްކަން ޝަމީމްވަނީ ފާހަގަ ކުރައްވާފައެވެ.

ބެލެނިވެރިން ކުދިންނަށް ވިސްނައިދީ ކުދިންނާ މުއާމަލާތް ކުރަނީ ކޮންބަޔަކާކަން ދެނެގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ޝަމީމް ވިދާޅުވީ ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންނަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ.

ރައްޓެހިވެގެން އުޅޭ ކުދިންގެ ފަރާތުން ދިމާވާ ޖިސްމާނީ އަނިޔާތަކުގެ މައްސަލައާއި ޖިންސީ އަނިޔާތަކުގެ މައްސަލަތައްވެސް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިބާވަތުގެ އަމަލެއް ހިނގަމުންދާނަމަ ނުވަތަ އެއްވެސް ފަރާތަކަށް މަޖުބޫރު ކުރުވައިގެން މިބާވަތުގެ އަމަލުތަކެއް ހިންގަމުންދާނަމަ ލަސްނުކޮށް ފުލުހުންނަށް ހުށަހެޅުމަށާއި މިބާވަތުގެ ކަންކަން ހުށަނާޅައި ސިއްރުކުރާނަމަ މުސްތަގުބަލުގައި އެކަމުގެ ނޭދެވޭ އަސަރުތަކުރުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.