16 May 2015, 12:35
އީ- ކޮމާސް ޕްލެޓްފޯމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޕޯސްޓް އަދި ސިއްގަޕޫރު ޕޯސްޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަފީގު މުހައްމަދެވެ. ސިންގަޕޫރު ޕޯސްޓްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ މާސެލޯ ވެސެލާ އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނީ ސިންގަޕޫރު ޕޯސްޓާއި ގުޅިގެން ގާއިމް ކުރުމަށް މަސައްކަތް ކުރާ އީ ކޮމާސް ޕްލެޓްފޯމަކީ އޮންލައިން ވިޔަފާރިއަށް ހުޅުވިގެންދާނެ އާ ދޮރަކަށް ވެގެން ދާނެ ކަމަށެވެ.
އެ ޚިދުމަތަކީ ބައިނަލްއަގްވާމީ ގޮތުން އޮންލައިންކޮށް ވިޔަފާރިއާއި ލޮޖިސްޓިކް ޚިދުމަތް ދިނުމަށް ރަނގަޅު ފެންވަރެއްގައި ގާއިމް ކުރެވޭ ފުރަތަމަ އީކޮމާސް ޕްލެޓްފޯމްކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
މިއަހަރުގެ ޖުލައި މަހު އީ ކޮމާސްގެ ޚިދުމަތް އިފްތިތާހުކުރުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ ނިންމާފަ އެވެ.