ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިއުގައެއް ގާއިމްކުރުމުގެ ތެރެއިން ކުޅުދުއްފުށީގައި، ބިޒުނަސް ޑިވެލޮޕްމެންޓް ސާވިސް ސެންޓަރެއް (ބީޑީއެސްސީ) ހުޅުވައިފި އެވެ.

އޭގެ ފުރަތަމަ ސެންޓަރު ހުޅުވާފައި ވަނީ އައްޑޫ ގަ އެވެ. ނަމަވެސް ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެފަދަ އެސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. އެ ހަތް ސެންޓަރު ގާއިމުރާ ރަށްތަކަކީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ދ. ކުޑަހުވަދު އާއި ލ. ފޮނަދޫގެ އިތުރުން ގދ. ތިނަދޫ އާއި އައްޑޫ ސިޓީގެ ހިތަދޫ އެވެ.

ބިޒުނަސް ޑިވެލޮޕްމެންޓް ސާވިސް ސެންޓަރު(ބީޑީއެސްސީ) ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ

އިކޮނޮމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ އެސެންޓަރުތަކުގެ މަސައްކަތަކަށް ވާނީ އެ ސަރަހައްދުގެ ވިޔަފާރިތަކަށް ފަންނީ އެހީތެރިކަން ދިނުމާއި މާލީ އެހީތެރިކަން ދިނުން ކަމަށެވެ. ހަމައެއާ އެކު ވިޔަފާރިތައް މޮނީޓާކޮށް ވިޔަފާރިތައް ބައްޓަން ކުރަން ޖެހޭ ގޮތްތައް ބުނެދޭނެ ކަމަށް ތައުފީގް ވިދާޅުވި އެވެ.

ކުރިން ސަން އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އޭޝިއާ ޑިވެލޮޕްމަންޓު ބެންކް(އޭޑީބީ) އެހީގައި ހިންގާ އެ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. އެ ކޮންސަލްޓަންޓުގެ ލަފާގެ މަތިން 10 އެކްސްޕާޓުން މަސައްކަތް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހަ އެކްސްޕާޓުންނާއި ބޭރުގެ ހަތަރު ފަރާތެއް ކަމަށާއި އެ 10 ފަރާތުގެ މަސައްކަތަކީ އެސެންޓަރުތަކަށް މަސައްކަތް ކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.