16 May 2015, 12:08
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 22 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ްމިއެއްބަސްވުންތަކުގެ ދަށުން އިންޑިއާގައި އިއާދަ ކުރުވަނިވި ހަކަތައިގެ ދާއިރާ އާއި މާލީ ދާއިރާ އަދި ވިޔަފާރި ބަނދަރުތަކަށް އިންވެސްޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާ އާއި ސައިންސްގެ ދިރާސާގެ ދާއިރާ އިންނާއި ރެއިލްވޭ ގާއިމުކުރުމުގެ ދާއިރާ އިން އިތުރު 10 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އޭޕީ
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު މޯދީ ވިދާޅުވީ އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކުރުމަށް ދެގައުމުން ތައްޔާރުވާން ޖެހޭ ކަމަށެވެ.
"ދެފަރާތަށް ވެސް އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތް ކުރަމާ ހިންގަވާ. އިންޑިއާ މިއޮތީ ވިޔަފާރީއަށް ތައްޔާރަށް،" މޯދީ ވިދާޅުވި އެވެ.
މޯދީގެ މިދަތުރުފުޅުގައި ވަނީ ދެގައުމު ގުޅުވައިދޭ ބޯޑަރު ސަރަހައްދާ ބެހޭ ގޮތުން ޗައިނާގެ ބޮޑުވަޒީރު ލީ ކޭޕިއަންގްއާ މަޝްވަރާކުރައްވާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ޗައިނާ އާއި އިންޑިއާ އިން ވެސް ބޯޑަރު ސަރަހައްދުގައި ހިމެނޭ ރަށްތަކުގެ މިލްކުވެރިކަމާމެދު ދައުވާ ކުރެ އެވެ.
ޗައިނާ އިން 1914 ވަނަ އަހަރުވެފައިވާ ބޯޑަރު އެގްރިމެންޓް ގަބޫލެއް ނުކުރެ އެވެ.
އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި މޯދީ ވިދާޅުވީ ދެފަރާތަށް ވެސް އެއްބަސްވެވޭ ގޮތަކަށް ޗައިނާގެ ބޮޑުވަޒީރާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ޗައިނާގެ ބޮޑުވަޒީރު ލީ ވިދާލުވީ ދެ ގައުމުގައި ވެސް ތަފާތުތައް ހިފެހެއްޓުމާއި ދެމެހެއްޓުމުގައި "ސިޔާސީ ހިކުމަތްތެރިކަން" ހުރިކަމަށެވެ.