މުޅި ރާއްޖެއިން މަދިރި ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށާފައިވާ "މަދިރި ރުޅި ރުޅި" ކެމްޕޭނުގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް އެކި ފަރާތްތަކާ ގުޅިގެން ފަށައިފި އެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްގެންދާ އެ ހަރަކާތުގައި އެޗްޕީއޭ އާއި އެމްއެންޑީއެފާއި ގާލްސްގައިޑް އެސޯސިއޭޝަނާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އެޗްޑީސީ އާއި އާންމުރައްޔިތުންނާއި އަމިއްލަ ބައެއް ޖަމިއްޔާތައް ވެސް ބައިވެރިވެ އެވެ. އޭގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ބައިވެރިވެ އެވެ.

"މަދިރި ރުޅި ރުޅި" ކެމްޕޭންގެ ދަށުން ހުޅުމާލެ ސާފުކުރުން ކުރިއަށް ދަނީ ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހުޅުމާލެ 10 ސަރަހައްދެއްގެގޮތައް ބަހާލައިގެން ސާފު ކުރުން ކުރިއަށްދާއިރު އެކަމުގައި ބައިވެރިވި އެންމެން ވަނީ 10 ޓީމަކަށް ބަހާލާފަ އެވެ.

"މަދިރި ރުޅި ރުޅި" ކެމްޕޭންގެ ދަށުން ހުޅުމާލެއިން ސާފުކުރާ ސަރަހައްދުތައް ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސާފުކުރުން ކުރިއަށްދާއިރު ހުޅުމާލޭގެ މަގުތަކަށް އަދި ކާނުތަކަށް އުކާފައި ހުންނަ ފުޅި، ދަޅު ފަދަ ކުނިބުނި ނަގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލައި ސާފުކުރާނެ އެވެ. އަދި ނެގުމަށްފަހު އެ ހުރިހާ ކުންޏެއް އެއްތާކަށް ޖަމާކޮށް ހަމަޖެހިފައިވާ އުސޫލުގެމަތިން ކުނި ނައްތާލާނެ އެވެ.

"މަދިރި ރުޅި ރުޅި" ކެމްޕޭންގެ ދަށުން ހުޅުމާލެ ސާފުކުރުން ކުރިއަށް ދަނީ ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފުއާދު ގާސިމް ވިދާޅުވީ މަދިރިއަކީ އޭގެ ޒާތުގައި ކުޑަ އެއްޗެއް ނަމަވެސް އެއީ އިންސާނުންނަށް ނުރައްކާތެރި ބަލިތައް ޖައްސާ ސޫތްޕެއް ކަމަށެވެ. އެހެންކަމުން މަދިރި ނައްތާލުމަށް ހިންގާ އެފަދަ ހަރަކާތްތަކުގައި ހުރިހާ އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަދިރި ރުޅި ރުޅި" ކެމްޕޭނުގެ ދަށުން އަތޮޅުތެރޭގެ ރަށްރަށް ސާފުކޮށް މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

މިއަދު ކުރިއަށްގެންދާ ސާފުކުރުމުގެ ޕްރޮގްރާމްގެ ޝިއާރަކީ "މަދިރި ނައްތާލުން – އެންމެންގެ ޒިންމާއެއް" މިއެވެ.