16 May 2015, 11:43
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ 152 ފަރާތެއްގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
މީރާއިން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ހަތް ފަރާތެއްގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފައެވެ.
ޓެކްސް ނުދައްކާ ހަތް ފަރާތްތަކަކީ ޅ. ކުރެންދޫ ޕާލް ވިން ސަފާރީސް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާއި ކ. ހިއްމަފުށި އަހުމަދު އާސިފާއި ކ. ތުލުސްދޫ އާދަމް ނިޔާޒާއި އައްޑޫ ސިޓީ ހިތަދޫ ސަދަން އައިލެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާއި ހަމަ އެރަށު ބްލޫ ފެލްކަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ.
އޭގެއިތުރުން އައްޑޫ ސިޓީ މަރަދޫ ފެލިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އއ. ހިމަންދޫ އައިޖޭއެމް ޗެއިން ޕާޓްނާޝިޕު ވެސް ހިމެނެ އެވެ.
މީރާއިން ބުނީ އެފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައި ވަނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން ކަމަށެވެ. މީރާއިން އާންމު ކޮށްފައިވާ ލިސްޓުގައި ހިމެނިފައި ވަނީ މާލެ ސަރަހައްދު ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކެވެ.
އެފަރާތްތަކުން މީރާއަށް ދީފައިވާ ނަންބަރުތަކަށް ގުޅުމަށް ކުރި މަސައްކަތުން އެފަރާތްތަކަށް ގުޅޭނެގޮތެއް ނުވި ކަމަށް މީރާއިން ބުންޏެވެ.
މީގެކުރިން މީރާއިން ބުނެފައި ވަނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެފަރާތްތަކަށް އެކިފަހަރުމަތިން ފޯނުންގުޅައި ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ކިޔާދީފައިވާ ކަމަށެވެ. އޭގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ފަރާތްތަކުގެ ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ޒިޔާރަތްކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ.