ހުޅުމާލޭގައި ޓެކްސީ ކުރުމަށް އިތުރު ފަސް ފަރާތަކަށް ފުރުސަތު ދިނުމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ނިންމައިފި އެވެ.

އެޗްޑީއެފްސީ އިން ބުނީ ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފަސޭހަ ކުރުމަށް ޓަކައި އެއްވެސް ފީއަކާއި ނުލައި ފަސް ޓެކްސީ ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓެކްސީ ހުއްދަ އަށް އެދި ހުށަހެޅެނީ ހުޅުމާލެ އިން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ފަރާތްތަކަށާއި ހުޅުމާލޭގެ ރަށްވެހިންނާއި މީގެ ކުރިން ހުޅުމާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ ލިބިފައި ނުވާ ފަރާތްތަކަށެވެ.

އެކަމަށް އެދޭ ފަރާތްތަކުން މިމަހު 28 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ހުށައެޅުމަށް ހުޅުވާލާފައިވާއިރު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު ފަސް މީހުންނަށްވުރެ ގިނަ ވެއްޖެނަމަ ހުއްދަ ދޫކުރާނެ ފަސް ފަރާތް ހޮވާނީ ގުރުއަތު ލައިގެން ކަމަށް އެޗްޑީސީއިން ބުންޏެވެ.

ހުޅުމާލޭގައި މިވަގުތު މާގިނަ ޓެކްސީތަކެއްގެ ޚިދުމަތް ނުދޭއިރު އާންމު ދަތުރުފަތުރަށް ގިނަ ފަރާތްތަކުން ދަތުރުފަތުރުކުރުމަށް ބޭނުން ކުރަނީ ބަހުގެ ޚިދުމަތެވެ.