ކޭމްޕް ޑޭވިޑް (މޭ 16): ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ކައިރި މުސްތަގްބަލެއްގައި ހުއްޓޭނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ބޭއްވި ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާގެ ސަމިޓް ބައްދަލުވުމަށް ފަހު އަލްއަރަބިއްޔާ ޓީވީ އަށް ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ ސީރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އަށް ކުރެވޭނެ މާބޮޑުކަމެއް ނެތް ކަމުގަ އެވެ.

"ސީރިޔާގެ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ، ނަމަވެސް އެހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އެކަންޏަށް ކުރެވޭނެ މާބޮޑު ކަމެއްނެތް." އަލްއަރަބިއްޔާ އަށް ދެއްވި ބަސްދީގަތުމުގައި އޮބާމާ ވިދާޅުވި އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު 2011ގެ އަރަބި ރަބީއުގައި ސޫރިޔާގެ ރައްޔިތުންގެ ބަޔަކު ބައްޝާރުގެ ޚުދު މުޚްތާރު ވެރިކަމާ ދެކޮޅަށް ސުލްޙަވެރި ގޮތުގައި ނުކުތުމުން، ސިޔާސީ ބޭނުންތަކެއްގައި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ފެންބޮވައިގެންފައި ތިބި ބައެއް ގައުމުތަކުން ސީރިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތައް ފައިސާ އާއި ހަތިޔާރު ދީގެން އެކަން އިދިކޮޅު ފަރާތްތަކާއި ސީރިޔާ ސަރުކާރާ ދެމެދު ކުރިޔަށްދާ ހަތިޔާރުގެ ކުރިމަތިލުންތަކަކަށް ބަދަލުކޮށްލުމުގެ ސަބަބުންނެވެ. މިކަން މިގޮތަށް ދިމާވީ ބައްޝާރުވެސް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވަނީ ގަލްފުގެ އަރަބި ގައުމުތަކުންނާއި ތުރުކީންނާއި ހުޅަނގުގެ ގައުމުތަކުންނެވެ. ބައްޝާރުގެ ވެރިކަމުގެ ނިޒާމު ދެމެހެއްޓުމަށް މަސައްކަތްކުރަނީ އީރާނާއި ރަޝިޔާއިންނެވެ. މިހާރު ސީރިޔާގެ ދާޚިލީ ހަނގުރާމައަކީ ނުސީދާ ގޮތެއްގައި މިގައުމުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައަކަށްވަނީ ވެފަ އެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އެމެރިކާއިން ބާރުގެ ބޭނުން ނުކުރާތީއާއި އީރާނާ ގާތްވުމަށް އެމެރިކާ މަސައްކަތްކުރާތީ ގަލްފުގެ އަރަބި ގައުތަކުގެ ނުރުހުން އެމެރިކާއަށްވަނީ އަމާޒުވެފަ އެވެ. (ރޮއިޓާސް)