16 May 2015, 09:42
ވޮޝިންޓަން (މޭ 15) : އެމެރިކާގެ ބޮސްޓަންގައި 2013 ވަނަ އަހަރު ބޭއްވި މެރަތަންގެ ބައިވެރިންނަށް އަމާޒުކޮށް ބޮން ގޮއްވި ކަމުގެ ތުހުމަތުގައި ޝަރީޢަތް ކުރެވެމުންދާ ޖަވްހަރު ސަރްނާވްގެ ކުށް ސާބިތުވާ ކަމަށް ނިންމައި އޭނާ އަށް މަރުގެ އަދަބު ދިނުމަށް ޙުކުމްކޮށްފި އެވެ.
ޖޫރީންގެ ޕެނަލްއަކުން ކުރި މިހުކުމްގައި ގަސްދުގައި މީހުން މެރުމާއި ބޮން ގޮއްވުމުގެ ޓެރަރިޒަމްގެ އަމަލުތައް ރާވައިގެން ހިންގިކަމުގެ ތުހުމަތު ޖަވްހަރުގެ މައްޗަށް ސާބިތުވާ ކަމަށް ބުނެފައިވެ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވި ބޮސްޓަން މެރަތަންގެ ނިންމާ ރޮނގު ކައިރިން ދިން ބޮމުގެ ހަމަލާގައި ތިން މީހުން މަރުވެ 260 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. ޖަވްހަރު ސަރްނާވް އަކީ އެމެރިކާ އަށް ހިޖްރަކޮށްގެން އުޅޭ ޗެޗްނިޔާގެ ދަރިކޮޅުގެ މުސްލިމް ޒުވާނެކެވެ. މިމައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ޖަވްހަރުގެ ދިފާޢީ ވަކީލުންބުނެ އެވެ.
ދިފާޢީ ވަކީލުން ބުނާ ގޮތުން ޖަވްހަރުގެ މައްޗަށް ކުށްސާބިތުވި ނަމަވެސް އޭނާ ބޮމުގެ ހަމަލާގައި އަދާކޮށްފައި ވަނީ ވަރަށް ކުޑަ ދައުރެއްކަމަށާއި އެހަމަލާ ރޭވުމާއި ތަންފީޒު ކުރުމުގައި އިސްކޮށް ހުރީ ބޮސްޓަންގެ ފުލުހުންގެ ހަމަލާތަކުގައި މަރުވި އޭނާގެ ބޭބެ ތަމާލަން ސަރްނާވް ކަމުގަ އެވެ. އެހެންކަމުން ޖަވްހަރުގެ މައްޗަށް ކުށް ސާބިތުވާން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތެވެ. ބޮސްޓަންގެ ފުލުހުން ވެސް ކުރިން ބުނެފައި ވަނީ އެހަމަލާ ރާވައި ތަންފީޒު ކުރުމުގައި އިސްކޮށްހުރީ ތަމާލަން ކަން ތަހްގީގްތަކުން ހާމަވާކަމުގަ އެވެ.
މަރުގެ ހުކުމް އިއްވި އިރު ޖަވްހަރު ހުރީ ހިތާމައިގާ އިސްދަށަށް ޖަހައިގެންނެވެ. އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން މަރުގެ ހުކުމް އިއްވާ އަދި މަރުގެ ހުކުމް ތަންފީޒު ކުރަމުން ގެންދާ އެއްގައުމެވެ. އެމެރިކާގައި މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރެވޭ އެތައް ބައެއްގެ ކުށެއްނެތްކަން އޭގެ އެތަށް އަހަރެއްގެ ފަހުން ސާބިތުވެފައިވެ އެވެ. (ބީބީސީ)