16 May 2015, 09:18
އުމުރުން ދުވަސްވުމާ އެކު ވެސް އާންމުކޮށް ކަސްރަތު ކުރުމަކީ ސިނގިރޭޓު ބުއިން ހުއްޓާލުމުން އިންސާނާގެ ސިއްހަތަށް ކުރާ ފަދަ ބޮޑު ފައިދާއެއް ކުރާ ކަމެއް ކަމަށް ރިސާޗަރުން ބުނެފި އެވެ.
އުމުރުން ދުވަސްވީ 5،700 ފިރިހެނުން ދިރާސާކޮށް ހެދި ތަހްލީލުން ދެއްކި ގޮތުގައި ކަސްރަތު ނުކުރާ މީހުންނާ ބަލާ އިރު ކޮންމެ ހަފްތާ އަކު ތިން ގަޑިއިރު ކަސްރަތުކޮށް އުޅޭ މީހުންގެ އުމުރު ފަސް އަހަރަށް ދިގުވެފައިވެ އެވެ.
އޮސްލޯ ޔުނިވާސިޓީ ހޮސްޕިޓަލް އިން ކުރި އެ ދިރާސާ އިން ބުނާ ގޮތުގައި ކުޑަކޮށް ކަސްރަތު ކުރާ އިރާއި ބޮޑަށް ކަސްރަތު ކުރާ އިރު ވެސް އޭގެ ސަބަބުން އުމުރު ދިގު ކޮށްދެ އެވެ.
ސިއްހަތާ ބެހޭ ގިނަ މާހިރުން އިއްތިފާގުވާ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ މީހުން ކަސްރަތު ކުރުމަށް އެންމެ އެކަށީގެން ވަނީ ހަފްތާ އަކު 150 މިނެޓެވެ.
އެ ހޯދުންތަކުން ދެއްކި ގޮތުގައި އުމުރުން 68 އަހަރާއި 77 އަހަރުގެ މީހުން ހަފްތާ އަކު ގަޑިއިރަކަށް ވުރެ މަދުން ކަސްރަތު ކުރުމުން އެއްވެސް ކަހަލަ ނަތީޖާއެއް ނުފެނެ އެވެ.
ބްރިޓިޝް ހާޓް ފައުންޑޭޝަން އިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުގައި މީހުން ކަސްރަތު ކުރަނީ މަދުން ކަމަށާއި ބޮޑަށް ކަސްރަތު ބޭނުންވާ ކަމަށެވެ.
އެ އެނަލައިސިސްގައި ބުނާ ގޮތުގައި ކަސްރަތު ނުކުރާ އެންމެ ބޮޑު އިންސައްތައަކަށް މީހުން އުޅެނީ ޕޯޗުގަލްގަ އެވެ. އެގޮތުން އެ ގައުމުގައި 69 ޕަސެންޓަކީ ކަސްރަތު ނުކުރާ މީހުންނެވެ. ޕޮޮލެންޑުގެ 55 ޕަސެންޓް މީހުން ކަސްރަތު ނުކުރާ އިރު ފްރާންސްގައި 46 ޕަސެންޓަކީ ކަސްރަތު ނުކުރާ މީހުންނެވެ.