15 May 2015, 21:21
ފުލުހުންގެ ހުއްދަނެތި ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުން ފުލުހުން މަނާކުރުމުން މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ބޭއްވި ހިނގާލުމުގައި އަތް ގާޑިޔާ ބޭނުންކޮށްފި އެވެ.
މިއަދު ބޭއްވި ހިނގާލުމުގައި ސްޕީކަރުތައް ހަރުކޮށްފައި ހުރީ ދެ ފުރޮޅުލީ އަތް ގާޑިޔަލެއްގަ އެވެ. ހިނގާލުން ކުރިއަށްދިޔަ ވަގުތު އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ސައުންޑު ސިސްޓަމްތަކާ އެކު ގާޑިއާ ދަމާފައެވެ.
ގާޑިއާ ދެމިބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ.

މިއަދު ބޭއްވި ހިނގާލުމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ސައުންޑު ސިސްޓަމް ބަހައްޓާފައިވާ ގާޑިއާ ދަމަނީ ---- ފޮޓޯ/ ރާއްޖެ އެމްވީ
މީގެކުރިން މުޒާހަރާތަކާއި ހިނގާލުންތަކާއި ކަންމަތީ ބައްދަލުވުންތަކުގައި ސައުންޑު ސިސްޓަމްތައް ބަހައްޓަނީ ޕިކަޕެއްގައެވެ. ނަމަވެސް ފުލުހުންގެ ހުއްދަ ހޯދައިގެން ނޫންގޮތަކަށް މުޒާހަރާތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުން ފުލުހުން ވަނީ މަނާކޮށްފައެވެ.
ފުލުހުން ބުނީ އެގޮތަށް ހަމަޖައްސާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ބާރު ސްޕީޑުގައި ޕިކަޕެއް ދުއްވާފައިގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައިވާތީ ކަމަށެވެ.
އެއީ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކާއި ރައްޔިތުންނާއި މުދަލުގެ ސަލާމަތަށް އަޅި ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.