އެފްރީކާގެ ދެ ޤައުމެއްގައި ހުރި އެމްބަސީއަކަށް 1998 ވަނަ އަހަރު ދިން ބޮމުގެ "ހަމަލާ ތަކުގައި ބައިވެރިވި" އަލްޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދީންގެ ވަރަށް އަރިސް މީހެއްގެ ގޮތުގައި އުޅުނު ޚާލިދު އަލް ފަވާޒް ޢުމުރު ދުވަހަށް ޖަލަށް ލާން އެމެރިކާގެ ފެޑްރަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެޑްރަލް ކޯޓްގެ ފަނޑިޔާރު ލެވިސް ކެޕްލަން މިއަދު ކުރި ޙުކުމްގައި ބުނެފައިވަނީ އެފްރީކާ ބައްރުގެ ކެންޔާއާއި ޓެންޒޭނިއާގެ ހުންނަ އެމެރިކާގެ އެމްބަސީއަށް ބޮމުގެ ހަމަލާދީ 224 މީހުން މަރާލިކަމަށް ފަވާޒުގެ މައްޗަށް ސާބިތުވާކަމަށެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ފަވާޒުގެ ވަކީލް ވިދާޅުވީ، ފަވާޒުގެ މައްޗަށް އަންނަން ޖެހޭނީ ޢުމުރު ދުވަހުގެ ޖަލު ޙުކުމަށްވުރެ ކުޑަ ޙުކުމެއް ކަމަށާއި ސަބަބަކީ އޭނާ އެޙަމަލާތަކުގައި ބައިވެރިވެފައިވަނީ ދެން ތިބި މީހުންނަށްވުރެ ކުޑަކޮށްކަމަށެވެ.

ޚާލިދު އަލް ފައްވާޒު ކޯޓުގައި އިންގޮތް ދައްކުވައިދޭ ކުރެހުމެއް ---- ފޮޓޯ/ އޭޕީ

ނަމަވެސް ދައުވާ އުފުލާފައިވާ އެމެރިކާގެ ޕްރޮސިކިއުޓުން ބުނެފައިވަނީ ފަވާޒަކީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭ ކަމަށް ބުނެ 1996 ވަނަ އަހަރު ބިން ލާދީން އަމުރު ނެރުނުއިރު އުސާމާ ބިންލަދީންއަށް އެހީތެރިވުމުގައި ބައިވެރިވެފައިވާ މީހެއް ކަމަށެވެ. އަދި ފަވާޒުއަކީ "ޓެރަރިސްޓް" ޓްރެއިނިންގ ކޭޕްތަކެއް ހިންގުމުގައި ބައިވެރިވެފައިވާ މީހެއްކަމަށް އެމެރިކާގެ ޕްރޮސިކިއުޓާގެ ފަރާތުން ޝަރީއަތުގައި ބައިވެރިވި ވަކީލުން ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާއަށް އުފަން ޢުމުރުން 53 އަހަރުގެ ފަވާޒު 1994 ވަނަ އަހަރު ވަނީ އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

ފަވާޒު ހައްޔަރުކޮށްފައިވަނީ 1998 ވަނަ އަހަރު އިނގިރޭސި ވިލަތުގައި ދިރިއުޅޭ "ޓެރަރިސްޓް" ޖަމާޢަތްތަކާ ގުޅުން ހުރި މީހުން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ފައްވާޒް ހައްޔަރު ކުރިތާ ހަމަސް ފަހުން އިނގިރޭސި ވިލާތުގެ ގިނަ ޢަދަދެއްގެ މުސްލިމުންތަކެއް ވަނީ ލަނޑަންގެ ޑައުނިންގ ސްޓްރީޓްގައި މުޒާހަރާކޮށްފައެވެ. އެމުޒާހަރާތަކާއި ގުޅިގެން ހަތް މީހަކު ހައްޔަރުކޮށް ޖަލަށް ލާފައިވެއެވެ.