15 May 2015, 19:12
މިޔަންމާގައި ކުރިއަށްދާ 23 އަހަރުން ދަށުގެ ފިރިހެން އޭޝިއަން ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި އިއްޔެ ތައިލެންޑާ ދެކޮޅަށް ކުޅެ ރަނގަޅު ފައިޓެއް ދިންނަމަވެސް އެމެޗުން ވެސް ތިން ސެޓުން ރާއްޖެ ބަލިވެއްޖެއެވެ.
އެމެޗްގައި ރާއްޖެއިން ވަނީ ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް ތައިލެންޑާ ދެކޮޅަށް ކުޅެފައެވެ. އެގޮތުން ފުރަތަމަ ސެޓް ތައިލެންޑު ކާމިޔާބުކުރީ 25-23 ޕޮއިންޓްގެ ނަތީޖާއަކުންނެވެ.
ދެ ވަނަ ސެޓް 25-18 ޕޮއިންޓްގެ ނަތީޖާއަކުން މޮޅުވިއިރު، ތިން ވަނަ ސެޓް ކާމިޔަބު ކުރީ 25-15 ޕޮއިންޓްގެ ނަތީޖާއަކުންނެވެ.
ރާއްޖެ ހިމެނޭ ޕޫލް (ގުރޫޕް) އޭ ގައި ކުޅެވުނު އަނެއް މެޗް މުބާރާތް ބާއްވާ ޤައުމު މިޔަންމާ އަތުން ސައުދީ ޢަރަބިއާ ވަނީ ތިން ސެޓުން ބަލިވެފައެވެ.
މިޕޫލްގައި ކުޅެވޭ އެންމެ ފަހު މެޗްގައި ރާއްޖެ ބައްދަލު ކުރަނީ ސައުދީ ޢަރަބިއްޔާއާ ދެކޮޅަށެވެ.
މިޕޫލްއިން ކުއާޓާ ފައިނަލަށް ގޮސްފައިވަނީ މިޔަންމާއާ ތައިލެންޑެވެ.
މިމުބާރަތަށް ފުރުމުގެ ކުރިން މީޑިއާ ތަކާ ވަހަކަ ދައްކަމުން ރާއްޖޭގެ ކޯޗް އަޙްމަދު އަދީލް ބުނީ އަމާޒަކީ ގަދަ އަށަކުން ޖާގައެއް ހޯދުން ކަމަށެވެ.
އިއްޔެ ރާއްޖޭގެ ސީނިއާ ވޮލީ ޓީމް ވަނީ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑަށް ގޮސްފައެވެ.