ހޮލީވުޑްގެ މަޝްހޫރު އަދި "އޭ" ލިސްޓު ތަރިންތަކެއް ހިމެނޭ ބިރުވެރި ކޮމެޑީ ޓީވީ ސީރީޒެއް ދެއްކުމަށް ފޮކްސް އިން ނިންމައިފި އެވެ.

"ސްކްރީމް ކުއީންސް"ގެ ނަމުގައި ފަށާ އެ ޓީވީ ސީރީޒްގެ ފުރަތަމަ އެޕިސޯޑު ސެޕްޓެމްބަރު މަހުގައި ދައްކާނެ ކަމަށް ފޮކްސް އިން ވަނީ ބުނެފައެވެ.

ސީރީޒްގެ ކާސްޓުންނަށް ނަގާފައިވާ މީހުންގެ ސަބަބުން އެ ސީރީޒާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ޝައުގުވެރި ކަމެއް އުފެދިފައެވެ. ގިނަ ޓީވީ ސީރީޒްތަކެއް އުފައްދާ ޗެނަލްތަކުން ވެސް ވަނީ އެ ޝޯގެ ކާސްޓުގެ ސަބަބު އެ ޝޯ ކާމިޔާބު ވެގެންދާނެ ކަމަށް ބުނެފައެވެ.

ސްކްރީމް ކުއީންސްގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ އާއި ނިކް ޖޯނަސް ހިމެނެއެވެ. އަދި މަޝްހޫރު އެކްޓްރެސް އިން ކަމަށްވާ އެމާ ރޮބާޓްސް އާއި ލިއާ މިޝެލް އަދި ކީކީ ޕާމާ ހިމެނެއެވެ. އޭގެ އިތުރުން އެބިގެއިލް ބްރެސްލިން އާއި ޖޭމީ ލީ ކާޓިސް އާއި ޑިއޭގޯ ބޮނޭޓާ އާއި އޮލިވާ ހަޑްސަން އަދި ސްކައިލާ ސެމިއުއެލްވެސް އެ ސީރީޒް އިން ފެނިގެން ދާނެ އެވެ.

ސްކްރީމް ކުއީންސް އަކީ 90'ގެ އަހަރުތަކުގައި އެޅުވި ފްރެންޗައިޒް ފިލްމް ސީރީޒް "ސްކްރީމް" އާއި ގުޅުވައިގެން ތައްޔާރުކުރާ ސީރީޒް އެކެވެ. ނަމަވެސް ސްކްރީމް ކުއީންސްގައި ދައްކުވައިދޭނީ "ރެޑް ޑެވިލް" ނަމަކަށް ކިޔާ ސީރިއަލް ކިލާ އެއް ކޮލެޖު ސޮރޯރިޓީ ހައުސްއެއްގެ ކުދިންތަކެއް ފަހަތުން ނުނެއްޓިގެން އުޅޭ މަންޒަރެވެ.