15 May 2015, 17:20
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ފާއިތުވި އަހަރު ސާފު ފައިދާގެ ގޮތުގައި 480 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ 2013 ވަނަ އަހަރާއި އަޅައިބަލާއިރު ގާތްގަނޑަކަށް ތިންގުނަ ބޮޑު އަދަދެކެވެ. 2013 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 164 މިލިއަން ރުފިޔާއެވެ.
ފާއިތުވި އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 9.1 ބިލިއަން ރުފިޔާ ލިބިފައެވެ. 2013 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން 2014 ވަނަ އަހަރު ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ބިލިއަން މަދު ނަމަވެސް އެ ކުންފުނިން ވަނީ ސާފު ފައިދާ ތިން ގުނަ އިތުރުކޮށްފައެވެ.
އެސްޓީއޯގެ ބޯޑުން ވަނީ ހިއްސާއަކަށް 76 ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމާފައެވެ. މިއީވެސް 2013 އާއި އަޅައިބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.
އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ، ފާއިތުވި އަހަރަކީ އެސްޓީއޯ އަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި ދުވަސްތަކަކަށް ފަހު ރަނަގަޅު ފައިދާ އެއް ލިބިފާވާ ކަމަށެވެ. އަދި އެސްޓީއޯއަށް ރިކޯޑް އަދަދަކަށް ފައިދާ ލިބިފައިވާ އެއް ސަބަބަކީ ކުންފުނީގެ ޚަރަދުތައް ކުޑަކޮށްފައިވުން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
" ކުރިއަށް އޮތްތަނުގައި ވެސް ހިއްސާދާރުންނަށް މިހާރަށް ވުރެ ބޮޑު ފައިދާ އެއް އިރާދަކުރެއްވިއްޔާ ލިބޭނެ. ކުންފުނީގެ ވިޔަފާރި ބައްޓަންވެގެންދާނީ ހިއްސާދާރުންގެ ލާބަ އާއި މަންފާ އަށް. މި އަހަރުވެސް މިދަނީ ކުންފުނި އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ބޯޑުންނާއި މެނޭޖްމެންޓުން ކުރަމުން،" ނިޔާޒް ވިދާޅުވި އެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިމަހު 29 ވާ ހުކުރު ދުވަހުގެރޭ ހޮޓެލް ޖެންގައި ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. މި ޖަލްސާގެ ނޯޓިސް މިހާރު ވަނީ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.