އަމިއްލަ މިނިވަން ކަމާއެކު އެއްވެ އުޅުމަށް އޮތް ފުރުސަތުތައް ފުލުހުން ހަނި ކުރާ ކަމަށާއި އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ޕާޓީތަކުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ އަމިއްލަ މިނިވަންކަމާއެކު އެއްވެ އުޅުމަށް އޮތް ފުރުސަތުތައް ހަނި ކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގެއް ނިގުޅައިގަތުން ފަދަ ކަމެއް ކަމަށެވެ.

"ގާނޫނާ ގަވާއިދުތައް އޮއްވައި އަމިއްލަ ގަވާއިދުތައް ނެރޭތީ ކޮމިޝަނަރ އޮފް ޕޮލިސްގެ އަމަލުތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކަންތައް ކުރަންޖެހޭ. އަމިއްލަ މިނިވަން ކަމާއެކު އެއްވެ އުޅުންފަދަ ކަންތައްތަކަކީ އަސާސީ ހައްގެއް. އެ ހައްގުތަކުން ރައްޔިތުން އުނި ކުރުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުގެ މައްޗަށް ދައުވާ އުފުލަން ޖެހޭ. އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ކޮންމެވެސް ވަރަކަށް ވިސްނާވަޑައިގެން ދައުވާ އުފުލާ ރައްޔިތުން ސަލާމަތް ކޮށްދިނުން އެދެން،" ޝިފާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުގެރޭ މާލޭގައި ބޭއްވި މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާގެ ސުލްހަވެރިކަން ނަގާލާފައި ވަނީ ފުލުހުން ކަމަށެވެ.

މޭޑޭ މުޒާހަރާއާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަތަރުފުރޮޅުލީ އުޅަނދުތައް ފުލުހުންގެ ހުއްދަ ނުހޯދައި މުޒާހަރާތަކުގައި ބޭނުންކުރުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.

ފުލުހުން ބުނީ އެގޮތަށް ހަމަޖައްސާފައި ވަނީ މޭޑޭ މުޒާހަރާގައި ބާރު ސްޕީޑުގައި ޕިކަޕެއް ދުއްވާފައިގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައިވާތީ ކަމަށެވެ.

އެއީ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކާއި ރައްޔިތުންނާއި މުދަލުގެ ސަލާމަތަށް އަޅި ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.