ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ފާއިތުވި އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 76 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

މިއީ 2013 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ކަނޑައެޅި 24 ރ އަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ.

މި އަދަދު ފާސްކުރުމަށް ހުށަހަޅާނީ މިމަހު 29 ވާ ހުކުރު ދުވަހުގެރޭ ހޮޓެލް ޖެންގައި ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. މި ޖަލްސާގެ ނޯޓިސް މިހާރު ވަނީ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާއިން ބަހާނެ އަދަދެއް ކަނޑައެޅުމުގެ އިތުރުން އަހަރީ ހިސާބު ފާސްކުރުންވެސް މި ޖަލްސާގައި އޮންނާނެ އެވެ. އަދި ކުންފުނީގެ އޮޑިޓަރުން އައްޔަންކުރުން ވެސް އޮންނާނެ އެވެ.

މި ޖަލްސާގައި އާއްމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މީހަކު އިންތިޚާބުކުރުން ވެސް އޮންނާނެއެވެ.

އަހަރީ ޖަލްސާ އަށް ހާޒިރު ނުވެވޭ ހިއްސާދާރުން ބަދަލުގައި މީހަކު ފޮނުވަން ބޭނުންނަމަ 'ފްރޮކްސީ ފޯމް' ފުރުމަށް ފަހު 28 މޭ ވާ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަންޖެހޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މިހާތަނަށް އަހަރީ ޖަލްސާ ބާއްވާފައި ވަނީ ދިރާގާއި އަމާނާތަކަފުލް އެވެ.