މާލޭގެ އުތުރުފަރާތުގައި ހަދާފައިވާ ދަތުރުވެރިންގެ މާރުކޭޓު މަރާމާތައް ބަންދުކުރުމަށް ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މާރުކޭޓު މަރާމާތުކޮށް ރަނގަޅު ފެންވަރެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަންނަ ރޯދަމަހުގެ ކުރިން އެތަން ހުޅުވާނެ ކަމަށެވެ.

"ދަތުރުވެރިންގެ މާރުކޭޓު ވަނީ ބާވެ ވީރާނާވެފައި ކަމަށާއި އެމާރުކޭޓު މަރާމާތުކޮށް، މާރުކޭޓުގެ ބޭނުންހިފާ ހުރިހާ ފަރާތްތަކަށް ފަސޭހަވެގެންދާނެހެން ބަދަލުތަކެއް ގެނައުމަށް ތަން ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ތަން މަރާމާތުކޮށް ރަނގަޅު ފެންވަރެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު މިފެށޭ ރޯދަމަހުގެ ކުރިން ތަން އަލުން ހުޅުވިގެންދާނެއެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތުކޮށް ހުޅުވެންދެން ބޭނުންކުރާނެ ވަގުތީ މާރުކޭޓެއް ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތުގައި ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ މަސައްކަތް ނިމި އަންނަ ހޯމަ ދުވަހުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓުން ދެމުންގެންދިޔަ ޚިދުމަތްތައް އެތަނުން ދޭންފަށާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތުކުރެވެންދެން އެތަނުން ދެމުންގެންދިޔަ ޚިދުމަތްތައް ދިނުމަށް ހަދާ ވަގުތީ ޖާގަ ---- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވެންދެން މުދާ ބޭލުމަށާއި އޮޑިދޯނި ފަހަރު ފުރުމަށް ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތުގެ ޖެޓީ ބޭނުންނުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ.

"މިފުރުސަތުގައި، ދަތުރުވެރިންގެ މާރުކޭޓް ލޯކަލް މާރުކޭޓުގެ އިރުމައްޗަށް ބަދަލުކުރުމުން ދަތުރުވެރިންގެ މާރުކޭޓު ބޭނުންކުރަމުންދާ ފަރާތްތަކާއި، ލޯކަލް މާރުކޭޓުގެ އިރުމަތީ ޖެޓީ، މުދާ ބޭލުމަށާއި އޮޑިދޯނިފަހަރު ފުރުމަށް ބޭނުންކުރަމުންދާ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކަށްޓަކައި އިންތިހާއަށް މައާފަށް އެދި މިފަދަ ވަގުތުތަކުގައި ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.