15 May 2015, 14:30
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 13 ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 31 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރު 2:00 އެހާކަންހާއިރު ކަމަށެވެ. ސަން އަށް އެނގިފައިވާގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ށ. ގޮއިދޫ ޝިނާން ނަމަކަށް ކިޔާ މީހެކެވެ.
ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޝިނާންގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ގ. ބްލޫވޭވް ފަރުހަތު އަލީ،52 އާއި ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަން އާއި މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48 އާއި ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް،19 އަދި ގދ. ގައްދޫ ނީލޯފަރުމާގޭ އުމަރު ގާހިރު،22 އާއި ނ. މިލަދޫ ނޫރާނީގޭ މުހައްމަދު އިގުބާލް،50 އާއި 23 އަހަރުގެ ފިރިހެނެކެވެ.

އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެނުން އަންނަ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ޝިނާންގެ އިތުރުން އިތުރު ތިން މީހަކު ހޯދަން ވެސް ފުލުހުން ވަނީ އެމީހުންގެ ފޮޓޯ އާންމުކޮށްފައެެވެ.
ފޮޓޯއިން ފެންނަ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3332111 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފޮޓޯއިން ފެންނަ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޭނެކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.މުޒާހަރާގައި އަނިޔާލިބުނު ދެ ފުލުހުންނަށް އިތުރު ފަރުވާދިނުމަށް ވަނީ ސްރީލަންކާއަށް ފޮނުވާފައެވެ. އެ ދެ ފުލުހުންގެ ސިއްހީ ހަލާތާ ބެހޭ ފަހުގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފައިވާތީ، ބައެއް ސިޔާސީ ޕާޓީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.