ކޭމްޕް ޑޭވިޑް (މޭ 15) : ބޭރުގެ ފަރާތެއްގެ އުދުވާނެއް ކުރިމަތިވެއްޖެ ހާލަތެއްގައި ގަލްފުގެ ގައުމުތަކުގެ ދިފާއުގައި އެމެރިކާ ތެދުވެ، އުދުވާން ހިންގާ ފަރާތާ ދެކޮޅަށް ބާރުގެ ބޭނުންކުރާމެދު އެމެރިކާ ވިސްނާނެ ކަމުގެ ޔަގީންކަން ރައީސް ބަރަކް އޮބާމާ ގަލްފުގެ ގައުމުތަކަށް ދެއްވައިފި އެވެ.

އޮބާމާ، މިޔަގީންކަން ގަލްފުގެ ގައުމުތަކަށް ދެއްވީ އެމެރިކާގެ ކޭންޕް ޑޭވިޑްގައި ކުރިޔަށްދާ އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ އިސް ލީޑަރުންގެ ސަމިޓްގަ އެވެ. އެސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ގަލްފުގެ ލީޑަރުންނާ މުޚާތަބު ކުރައްވައި އޮބާމާ ވިދާޅުވީ އީރާނާއި އެމެރިކާ ގާތްވަމުންދާ މައްސަލާގައި ގަލްފުގެ ގައުމުތައް ކަންބޮޑުވާ ހުރިހާ މައްސަލައެއް ޙައްލުކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމުގަ އެވެ. ނަމަވެސް އީރާނާ ގާތްވުމަށް އެމެރިކާ ކުރާ މަސައްކަތްތައް ހުއްޓާލާނެ ކަމަށް އޮބާމާ ވިދާޅެއްނުވެ އެވެ.

ކޭންޕް ޑޭވިޑް ސަމިޓްގެ ބޭނުމަކީ އެމެރިކާއާއި އީރާން ގާތްވަމުންދާ މައްސަލާގައި ގަލްފުގެ އަރަބި ގައުމުތައް ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކަށް އެމެރިކާ ސަމާލުކަންދީ އެގައުމުތަކުގެ ފަހަތުގައި އެމެރިކާ އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން އެގައުމުތަކުގެ ރަސްރަސްކަލުންނާއި އަމީރުންނަށް އެމެރިކާގެ ފަރާތުން ދިނުމެވެ.

އެމެރިކާ އީރާނާ ގާތްވަމުންދިޔުމުގެ ސަބަބުންނާއި އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލު ކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން މިދިޔަމަހު ސޮއިކުރި ފްރޭމްވޯކް އެއްބަސްވުމުގެ ސަބަބުން ކައިރި މުސްތަގްބަލެއްގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް ބެލެވިފައިވެ އެވެ.

އީރާނަށް ދޫދީ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް ވެއްޖެ ނަމަ ގަލްފާއި މެދުއިރުމައްޗަށް މިހާރަށްވުރެ ބޮޑަށް ބާރާއި ނުފޫޒު ހިންގުމުގެ ފުރްސަތު އީރާނަށް ލިބި މިހާރަށްވުރެ ހުރިހާ ގޮތަކުންވެސް ބާރުގަދަ ގައުމަކަށް އީރާން ވެގެންދާނެ ކަމަށް ގަލްފުގެ އަރަބި ގައުމުތަކުން ދެކެއެވެ. ގަލްފުގެ ގައުމުތަކުން އީރާނާމެދު ކިތަންމެ ވަރަކަށް ކަންބޮޑުވެ އެމެރިކާގެ ކިބައިން މަދަދަށް އެދުނު ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާމެދު ގަލްފުގެ އެއްވެސް ގައުމަކުން ކަންބޮޑުވާކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި އިސްރާއީލުން ފަލަސްތީނު އިސްތިޢްމާރުކޮށް އަޅުވެތިކޮށްގެން އުޅޭތާ 65 އަހަރު ވެފައިވާއިރު ވެސް އިސްރާއީލާ ބެހޭ ގޮތުން ގަލްފުގެ ލީޑަރުން އޮބާމާއަށް ޝަކުވާ ހުށަހެޅުއްވިކަން އެނގިފައެއް ނުވެ އެވެ.

ކޭންޕް ޑޭވިޑް ސަމިޓްގައި އޮބާމާ ވަނީ ގަލްފުގެ 6 ގައުމުގެ ލީޑަރުންނާ ވަކިވަކިންނާ އަދި އެއްދުވަސްވަންދެން ބައްދަލު ކުރައްވައި އެގައުމުތަކުގެ ކަންބޮޑުވުންތައް ވަރަށް ގާތުން އަޑުއައްސަވާފަ އެވެ. މިބައްދަލުވުން ތަކުގައި ދެއްކެވި ވާހަކަތަކުގައި އޮބާމާ ވިދާޅުވީ އީރާނާއި އެމެރިކާ ގާތްވަމުންދާ މައްސަލާގައި ގަލްފުގެ ގައުމުތައް ކަންބޮޑުވާ ހުރިހާ މައްސަލައެއް ޙައްލުކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމުގައެވެ.

އަދި ގަލްފުގެ ގައުމުތަކަށް ސިޔާސީގޮތުންނާއި އަސްކަރީގޮތުން ކުރިޔަށްވުރެ ބޮޑަށް އެހީތެރިވާން އެމެރިކާ ތައްޔާރަށްއޮތް ކަމުގެ ޔަގީންކަންވެސް ގަލްފުގެ ލީޑަރުންނަށް އޮބާމާ ދެއްވިއެވެ. މިގޮތުން ގަލްފުގެ ގައުމުތަކަށް ޚާއްސަ ކޮށްގެން މިސައިލް އައްޑަނައިގެ ނިޒާމެއް ގާއިމްކޮށްދިނުމާއި ޒަމާނީ ފޯރުކޮށްދިނުމުގެ އިތުރުން އެގައުމުތަކުގެ އަސްކަރީ އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަކޮށް ސިފައިންގެ ލަޝްކަރުތަކަށް އިތުރު ތަމްރީންދޭން އެމެރިކާ ތައްޔާރަށް އޮތްކަމުގެ ޔަގީންކަންވެސް ގަލްފުގެ ލީޑަރުންނަށް އޮބާމާ ދެއްވިއެވެ.

މިސަމިޓްގައި ގަލްފުގެ ގައުމުތަކުގެ އިސް ލީޑަރުންގެ ތެރެއިން ބައިވެރިވެ ވަޑައިގެންފައިވަނީ ގަތަރުގެ އަމީރު ތަމީމް ބިން ހަމަދް އާއި ކުވައިތު އަމީރު ސަބާހުލް އަހްމަދު. އަނެއް ހަތަރު ގައުމު ކަމަށްވާ ސައޫދީ އަރަބިޔާ، ޔޫ.އޭ.އީ ، ބަޙްރައިން އަދި އުމާނުން ބައިވެރިވެ ވަޑައިގެންފައިވަނީ ދެވަނަ ދަރަޖައާއި ތިންވަނަ ދަރަޖައިގެ މަސްއޫލުވެރިންނެވެ. (ނޫސްއެޖެންސީތައް)