ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތުން ބުނީ، އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސެއް ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން ގެނެސް ދިނުމަށް އެ ކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ. ބަހުސު ބޭއްވުމަށް ހަމަޖެހިފައި ވަނީ، 1 ޖޫން 2015 ވާ ހޯމަދުވަހުގެ ރޭ 9:00ގައި ޓީވީ މޯލްޑިވްސްގެ ސްޓޫޑިއޯގައި ލައިވްކޮށް ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ.

"މި ބަހުސްގެ ބޭނުމަކީ އިންތިހާބު ބޭއްވޭ ދާއިރާގެ ރައްޔިތުންނަށް ޕަބްލިކް ސާވީސް މީޑިއާގެ ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް ކެންޑިޑޭޓުން ތައާރަފްވެވަޑައިގަތުމުގެ ފުރުސަތު އެރުވުމާއި ދާއިރާގެ ތަރައްގީއާ މެދު ކެންޑިޑޭޓުންގެ ވިސްނެވުން ހުރި ގޮތް ރައްޔިތުންނާ ހިއްސާކުރެއްވުމުގެ ފުރުސަތު އެރުވުމެވެ." ޕީއެސްއެމުން ނެރުނު ބަޔާނެއްގައިވެ އެވެ.

ޕީއެސްއެމް އަކީ ދައުލަތުގެ މީޑިއާކަމަށް ވުމާއެކު އެ ކުންފުނީގެ ޗެނަލްތަކުން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، ވޯޓުދެއްވާ ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު ވޯޓުދެއްވާނެ ކެންޑިޑޭޓެއް އަމިއްލަފުޅަށް ނިންމެވުމަށް ކަމާގުޅޭ މައުލޫމާތު އެ ރައްޔިތުންނާ ހަމައަށް އެ ކުންފުނިން ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެސްއެމުން ބުނީ، ބަހުސް ބޭއްވުމާ ބެހޭ ގޮތުން ކެންޑިޑޭޓުން ނުވަތަ އެބޭފުޅުންގެ އޭޖެންޓުންނާ އެކު އެ ކުންފުނިން ބައްދަލުކުރުންތައް ބާއްވައި މަޝްވަރާކޮށް މައުލޫމާތު ހިއްސާކުރަމުން އަންނަ ކަމަށެވެ.

ދިއްގަރު ދާއިރާއަށް ހަތަރު ބޭފުޅަކު ވާދަކުރައްވާ އިރު އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ކެނޑިޑޭޓް އަހްމަދު ފާރިސް މައުމޫނާއި އެމްޑީޕީގެ ކެނޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދާއި މ. މަޑުއްވަރީ ފީރޯސް ޝަމީމް އަލީ އެވެ.