ސްރީ ލަންކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ފާޒިލް ފާރޫގު ރާއްޖެ ވަޑައިގެންފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ފާޒިލް ރާއްޖެވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ދަ މެސެޖު" ޕްރޮގުރާމުގައި ދަރުސް ދެއްވުމަށެވެ.

ޝެއިހް ފާޒިމް ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ވެސް ދެއްވައިފަ އެވެ.

"ދަ މެސެޖު" މި ނަމުގައި އިސްލާމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމުގައި މިރޭ ދަރުސް ދެއްވުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ލަންޑަނުގެ ސެންޓްރަލް މިސްކިތުގެ އިމާމު ޝެއިހް ފާއިދު މުހައްމަދު އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން އެހާ ރަނގަޅު ދުވަސް ވަރަކަށް ނުވުމުން މޫސުން ގޯސްވެއްޖެ ނަމަ އަލިމަސް ކާނިވަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޝެއިހް ފާޒިލް ފާރޫގު މިރޭ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ މަޟޫއަކީ “ޓެކްނޮލޮޖީގެ ދުނިޔޭގައި މުސްލިމުން" މި މައުޟޫ އެވެ.

އިސްލާމިކް މިނިސްޓްރީ އިން މީގެ ކުރިން ބުނީ ދަ މެސެޖު"ގެ ނަމުގައި އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ދަރުސްތަކުގެ ބޭނުމަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ވަހުދަތު ވަރުގަދަ ކުރުން ކަމަށެވެ. "ދަ މެސެޖު" ދަރުސްތަކުގެ ބޭނުމަކީ އެއިރެއްގެ ހާލަތަކަށް ރިއާޔަތްކޮށް ތަހުޒީބު މުޖުތަމައުއެއް ބިނާ ކުރުން ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

"ދަ މެސެޖު"ގެ ސިލްސިލާ ދަރުސްތައް ފެށުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އިން ބޭއްވި ފުރަތަމަ ދަރުސް ދެއްވާފައި ވަނީ ޝެއިހް އާދަމް ޝަމީމް އިބްރާހިމް އެވެ.