"ކިންގް އޮފް ބްލޫސް"ގެ ލަގަބު ލިބިފައިވާ ގިޓާރިސްޓް އަދި ލަވަކިޔުންތެރިޔާ ބީބީ ކިންގް އުމުރުން 89 އަހަރުގައި މަރުވެއްޖެ އެވެ.

ބީބީސީ އަށް މިއަދު މައުލޫމާތު ދެމުން ބީބީ "ކިންގް"ގެ ވަކީލު ބުނެފައި ވަނީ "ކިންގް" ވަނީ އިއްޔެ މަރުވެފައިވާ ކަމަށެވެ. ނަމަވެސް މަރުވީ ކީއްވެގެން ކަމެއް އޭނާ ބުނެފައެއް ނުވެ އެވެ.

މީގެ ކުޑަ ދުުވަސްކޮޅެއް ކުރިން ބީބީ ކިންގް ވަނީ ޑައިބިޓީޒް ބަލީގެ މައްސަލައެއްގައި ހަސްފަތާލު ކުރެވިފަ އެވެ.

މިސިސިޕީ އަށް އުފަން ބީބީ ކިންގް އޭނާގެ ހުނަރުތަކާ އެކު ޕާފޯމް ކުރަން ފަށާފައި ވަނީ 1940 ގަ އެވެ. އެގޮތުން އޭނާގެ މޮޅު ހުނަރުތަކާ އެކު ބީބީ ކިންގް ވަނީ "ބްލޫސް ހޯލް އޮފް ފޭމް" އާއި "ރޮކް އެންޑް ރޯލް ހޯލް އޮފް ފޭމް" އިން ޖާގަ ހޯދާފަ އެވެ.

މަޝްހޫރު މިއުޒިކް މެގެޒިން ކަމަށްވާ "ދަ ރޯލިން ސްޓޯން"ގެ ހުރިހާ ވަގުތެއްގެ އެންމެ ވަރުގަދަ 100 ގިޓާރިސްޓުންގެ ލިސްޓުން ބީބީ ކިންގް ވަނީ މީގެ ކުރިން ތިން ވަނަ މަގާމު ހޯދާފަ އެވެ.

އޭނާގެ މިއުޒިކަށް އެތަކެއް އެވޯޑުތަކެއް ލިބިފައިވާ އިރު 2009 ވަނަ އަހަރުގައި ބީބީ ކިންގް އަށް ވަނީ އޭނާގެ 15 ވަނަ ގްރެމީ އެވޯޑު ލިބިފަ އެވެ.