15 May 2015, 11:42
ސަން ސިޔާމް ގުރޫޕުށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ގުރޫޕުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ވިލިމާލެ މުހުޔިއްދީން ސްކޫލްގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
ސަން ސިޔާމް ގްރޫޕުގެ ފަރާތުން މި އިވެންޓް އިންތިޒާމްކުރާ ކޮމިޓީގެ މެންބަރު އައްޒަ ހަމީދު ވިދާޅުވީ، މިއަދު ބާއްވާ ކުޑަކުދިންގެ ހަވީރު އޮޮންނާނީ ވިލިމާލޭ މުހުޔިއްދީން ސްކޫލްގައި ކަމަށާއި އިވެންޓު ކުރިއަށްދާނީ ހަވީރު 04:00 އިން ފެށިގެން އިރުއޮސްސި 06:00 އާއި ހަމައަށް ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން މިއަދު ބާއްވާ ކުޑަކުދިންގެ ހަވީރުގައި ފޭސް ޕެއިންޓިން ފަދަ އެކި ކަންކަމަށް އެކި ސްޓޯލްތައް ބަހައްޓާފައި ހުންނާނެ އެވެ. އަދި ބޯލަ އުކުންފަދަ ކުޑަކުދިންނަށް ހާއްސަ އެކި ހަރަކާތްތައް ކުރިއަށް ގެންދާ އިރު ގަލޮޅު މަދަރުސާގެ ދަރިވަރުންތަކެއްގެ ހަރަކާތްތަކެއް ހަވީރުގެ ތެރެއިން ފެނިގެންދާނެ އެވެ.
އައްޒަ ވިދާޅުވީ މުހުޔިއްދީން ސްކޫލްގައި ކުޑަކުދިންގެ ހަވީރު ފާހަގަކުރަން ނިންމި ނަމަވެސް އެ އިވެންޓުގައި އެހެނިހެން ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށާއި ހުރިހާ އުމުފުރައެއްގެ ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަަމަށެވެ.
"މިފަދަ ކުޑަކުދިންގެ ހަވީރެއް ބޮޑުކޮށް ފާހަގަކުރުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ފަރާތުން އިޖުތިމާއީ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ ފަރުދުންގެ މެދުގައި އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިކުރުން،" އައްޒަ ވިދާޅުވި އެވެ.
ސަން ސިިޔާމް ގްރޫޕުން އިއްޔެ ވަނީ އެ ގްރޫޕަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ގޭމް ސެންޓަރެއް ގާއިމްކޮށްދީފަ އެވެ. އެ ގޭމްސެންޓަރުން ޕްލޭސްޓްޓޭޝަނާއި ރާޒުވާ އާއި ޓޭބަލް ޓެނިސް އާއި ކެރޮމްގެ އިތުރުން އެނޫން ވެސް ގޭމްތައް ކުޅެވޭނެ އެވެ.
މިއަދު ބާއްވާ ކުޑަކުދިންގެ ހަވީރަށް ވީހާވެސް ގިނަ ކުޑަކުދިން އައުމަށް ސަން ސިޔާމް ގުރޫޕުން އެދެއެވެ.