ގައުމުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާކުރުމަކީ، ވަރަށް ބޮޑަށް ތަރުހީބުދޭ ކަމެއް ކަމަށާއި އެހެން ނަމަވެސް އެފަދަ މަޝްވަރާއެއްގައި އަދާލަތު ޕާޓީން ބައިވެރިވާނީ އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދޫކޮށްލެއްވުމުން ކަމަށް އެޕާޓީން ބުނެފި އެވެ.

މަޝްވަރާގެ މޭޒަށް އައުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސިޔާސީ ޕާޓީ ތަކަށް ގޮވައިލެއްވި ގޮވައިލެއްވުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ބުނީ، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ނަމަ، އެކަމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ.

"އަދާލަތު ޕާޓީ ތަމްސީލްކުރާ އެންމެ އިސް ފަރާތަކީ މިޕާޓީގެ ރައީސްވެ. އެހެންކަމުން މިފަދަ އެންމެހައި މައްސަލަތަކުގައި ސަރުކާރާއެކު ވިޔަސް އަދި އެހެން ފަރާތަކާއެކު ވިޔަސް ކުރެވޭ މަޝްވަރާގައި އިސްވެހުންނަވާނީ މި ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް އިމްރާން އަބްދުﷲ އެވެ." އަދާލަތު ޕާޓިން ރޭ ނުރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އެޕާޓީން ބުނީ، އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ސަރުކާރުން ވިސްނުން ގެންގުޅޭނަމަ، އެކަމަށް މަގުފަހިކޮށް މަޝްވަރާކުރެވޭނެ މާހައުލެއް އުފެއްދުމަށްޓަކައި މޭ މަހުގެ އެއްވަނަ ދުވަހު ހައްޔަރުކޮށްފައިވާ އެޕާޓީގެ ރައީސާއި އެހެނިހެން ފަރާތަތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.

ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވައިލައްވަވާ ގޮވައިލެއްވުން ރައީސް ޔާމީން އިއްޔެ ވަނީ ތަކުރާރުކުރައްވައިފައެވެ. އެގޮތުން ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރުން ކޮށްދެއްވާ ކަންތައްތަކަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމު ކުރެވިގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އިއްޔެ ވިދާޅުވި އެވެ.

މޭޑޭ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރުމަށް ޝޭހު އިމްރާނާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ހައްޔަރުކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުން އެބޭފުޅުންގެ ބަންދަށް 15 ދުވަސް ޖެހި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އިއްޔެ ވަނީ، އަމީން އިބްރާހީމް ދޫކޮށްލުމަށާއި، އިމްރާނާއި އަލީ ވަހީދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފައެވެ.