އއ. އުކުޅަހުގައި ދަރުސް ނުދިނުމަށާއި އިމާމުވެ ހުކުރު ނުކުރުމަށް އެ ކައުންސިލުން ޝެއިހް އަހުމަދު ސަމީރަށް އަންގައިފި އެވެ.

ޝެއިހް ސަމީރު "ސަން"އަށް މިރޭ ވިދާޅުވީ ދަރުސް ދެއްވުމަށް އުކުޅަހަށް ވަޑައިގެންނެވީ އެކަން ހަމަޖެހިފައިވާ ކަމަށް އެ ރަށުގައި ތިއްބެވި ފަރާތްތަކުން ބުނުމުން ކަމަށެވެ. ނަމަވެސް މިރޭ އެ ރަށު ސްކޫލްގައި ދަރުސް ދިނުމަށް ހަމަޖެހިފައި ވަނިކޮށް ކައުންސިލުން ވަނީ ދަރުސްގައި އަނިޔާވެރިކަމާ ދެކޮޅަށް ތާއިދުކޮށް ވާހަކަ ނުދައްކާނަމަ ދަރުސް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ހުއްޓުވާފައި ކަމަށް ސަމީރ ވިދާޅުވި އެވެ.

އުކުޅަހު ސްކޫލްގައި އެ ރަށު ރައްޔިތުންނަށް ހުޅުވާލައިގެން މިރޭ ބާއްވަން ހަމަޖެއްސި ދަރުހުގެ މައުޟޫއަކީ "ލޯބީގެ ޝަރުޢީ މިންގަނޑު" އެވެ.

ޝެއިޚް ސަމީރު ވިދާޅުވީ މިރޭ ބާއްވަން ހަމަޖެއްސި ދަރުސް ކެންސަލްކޮށްލުމުގެ އިތުރުން މާދަމާ އެ ރަށުގައި އިމާމުވެ ހުކުރު ވެސް ކައުންސިލުން މަނާކޮށްފައިވާ ކަމަށެވެ.

"މިރޭ އަޅުގަނޑުމެން މިރަށުން ފުރޭތޯ ބެލީވެސް ދަރުސް ނުދެވި މާދަމާ ހުކުރު ވެސް ނުކުރެވޭތީ. ނަމަވެސް މޫސުން ތަންނުދޭތީ މާދަމާ ހެނދުނު މަތިވެރިއަށްދާން ފުރާ ގޮތަށް ހަމަޖެއްސީ،" ޝެއިޚް ސަމީރު ވިދާޅުވި އެވެ.