އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން "އިސްރަށްވެހިން" ޕްރޮގްރާމް އިފްތިތާހު ކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނުވަ ޕަސެންޓަކީ 55 އަހަރުން މަތީގެ މީހުން ކަމަށް ވާއިރު، ހަތަރު ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށެވެ.

އިސްރަށްވެހިން ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވާހަކަ ދައްކަވަނީ: ސަންފޮޓޯ--ޔޫސުފް ސޮފްވާން

ޒުހޫރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކިޔުތަކެއް ހެދުމާއި އުމުރުން ދުވަސްވެ ބަލިވުމުގެ ސަބަބުން އެނދުމަތިކޮށްފައިވާ ފަރާތްތަކަށް ވަކި އުސޫލެއްގެ ދަށުން ގޭގައި ތިބެގެން ފަރުވާކުރެވޭނެ އުސޫލެއް ސަރުކާރުން ހަމަޖެއްސުން ހިމެނޭ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ އިސްރަށްވެހިންގެ ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންގެ ހާލަތު ރަނގަޅު ކުރުމުގެ މަގުސަދުގައި ހިންގައި ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީގައި ހާއްސަ ޑިޕާޓްމަންޓެއް އުފައްދައިފައިވާ ކަމަށެވެ. އަދި އިސްރަށްވެހިންގެ ހައްގުތައް ތަރައްގީކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމަށް މުވައްޒަފުންތަކެއް ހަމަޖައްސައި ސިޔާސަތުތަކެއް ކަނޑައަޅައި އެ މަސައްކަތްތައް ވެސް ދަމަހައްޓަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ.

އިސްރަށްވެހިން ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބަންޑާރަނައިބު މުހައްމަދު އަނިލް ވާހަކަ ދައްކަވަނީ: ސަންފޮޓޯ--ޔޫސުފް ސޮފްވާން

އަނިލް ވިދާޅުވީ މި ސަރުކާރަކީ އިސްރަށްވެހިންނަށް ދެމެހެއްޓެނިވި ގޮތެއްގައި މީގެކުރިން ދީފައިނުވާ މިންވަރަށް އިސްކަންދީގެން މަސައްކަތް ކުރަމުންގެންދާ ސަރުކާރެއް ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ދޮށީ އުމުރުގެ މީހުންގެ ސިޔާސަތެއް މިހާރު ވަނީ އެކުލަވާލާފައި ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެ ސިޔާސަތު އިއުލާން ކުރެވި އަމަލު ކުރަން ފެށުމުން، އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތައް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަނިލް ވިދާޅުވީ އެ ސިޔާސަތުގެ މައިގަނޑު އަމާޒަކަށް ވެގެންދާނީ އުމުރުން ދުވަސްވީ މީހުންނަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އެ މީހުންނަށް އަތްފޯރާފަށުގައި ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ގާއިމު ކުރުމާއި ރާއްޖޭގެ ދޮށީ އުމުރުގެ އެންމެންނަށް ސޯޝަލް ހެލްތު އިންޝިއުރެންސް ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. މީގެ އިތުރުން ދޮށީ އުމުރުގެ މީހުން ބޭނުންވާ ކަންތައް ކޮށްދިނުމަށް އާއިލާތައް ޒިންމާދާރު ކުރުވުން އެ ސިޔާސަތުގެ ތެރޭ ހިމެނޭނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އަދި މުޖުތަމައުގައި ތިބި ހުނަރުވެރި ފަރާތްތަކަށް، އެފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމާއި ފުރުސަތުތައް ހޯދައިދިނުމާއި ރަސްމީ އަދި ނުރަސްމީ ގޮތުން ތައުލީމާއި ތަމްރީން އެފަރާތްތަކަށް ހޯދައިދިނުމަށް ސަރުކާރުން މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.