15 May 2015, 00:31
އދ. މަންދޫ ހެލްތު ޕޯސްޓު މިއަދު ވަގަށް ނެގި ތިޖޫރި ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ ތިޖޫރި ހޯދީ މިރޭ 22:30 ހާއިރު އެ ރަށު އުތުރު ފަރާތު ވަލު ތެރެ ކުނި ގޮނޑު ސަރަހައްދު ތެރޭގައި ފޮރުވާފައި އޮއްވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ވަގަށް ނެގި ތިޖޫރި ހޯދީ ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލާގައި ބަޔަކު މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ އެއްވެސް ތަފްސީލެއް އޮފިޝަލް ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ މަންދޫ ހެލްތު ޕޯސްޓު ވަގަށް ނެގި ތިޖޫރި ފެނުނު އިރު އެ ތިޖޫރިއަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެ ތިޖޫރީގެ ތަޅު ހަލާކު ކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަންދޫ ހެލްތު ސެންޓަރުގައި ހުރި ތިޖޫރި ވަގަށް ނަގާފައި ވަނީ މިއަދު ހެނދުނު 8:10 އެހާކަށްހާއިރު އެތަނުގައި ހުރި ކުޑަދޮރެއް ހަލާކުކޮށްލައިގެން ނެވެ.