14 May 2015, 23:28
ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނާމެދު، ކަންބޮޑުވާންޖެހޭފަދަ ދަށު ދަރަޖައިގެ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުން ގެންދާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން ހިންގުމަށް ރާއްވާފައިވާ "އިސްރަށްވެހިން" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ހަމައެކަނި ފައިސާއިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ އިންސާނަކީ ލޯބި ބޭނުންވާނެ ފަރާތެއް ކަމަށާއި އުމުރުން ދުވަސްވީ މީހުނަށް ވެސް ލޯތްބާއި އަޅާލުން ބޭނުންވާ ކަމަށް އަނިލް ވިދާޅުވި އެވެ.
"ސައްތައިންސައްތަ މުސްލިމް މި ގައުމުގައި އުމުރުން ދުވަސްވީ މީހުންނާއިމެދު އަމަލުތައް ބައެއް ފަރާތްތަކުން ބަހައްޓަމުން އެ ގެންދަނީ ނުވަތަ ބެހެއްޓިގެން އެ ދަނީ ބެހެއްޓިގެންނުވާނެ ދަށު ދަރަޖައިގައިކަން އަޅުގަނޑުމެން ހިތާމައާއެކު ފާހަގަ ކުރަން،" އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ އުމުރުން ދުވަސްވެ ހެލިފެލިވެ އުޅެން އުނދަގޫވުމުން އެފަދަ މީހުން ބާކީ ކުރަމުންދާތައް ވަރަށް ގިނައިން މުޖުތަމައުއިން ފެންނަމުންދާ ކަމަށެވެ.
"ދައުލަތުން ލިބޭ 5،000 ރުފިޔާގެ ބޭނުންކޮށްގެން ބިދޭސީއަކު ލައްވައި، އަޅުގަނޑުމެންނަށްޓަކައި އެތައް ރެ އެއްގެ ނިދި ގުރުބާން ކުރި މަންމަގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ ކިތައްމީހުންތޯ؟ ހަމައެފަދައިން އަޅުގަނޑުމެންގެ ކުރިމަގު އުޖާލާ ކުރުމަށް އަތްވައި ވާރޭގައި މަސައްކަތް ކުރި ބައްޕަ ދައުލަތުގެ ބެލުމުގެ ދަށަށް ފޮނުވާލުމަށްފަހު ހާލު އަހުވާލު ވެސް ބަލައިނުލައި އުޅެނީ އަޅުގަނޑުމެން ތެރެއިން ކިތައް މީހުންތޯ؟" އަނިލް ވިދާޅުވި އެވެ.
ބަންޑާރަނައިބު ވިދާޅުވީ ކ. ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އަޅާލާނެ ފަރާތެއް ނެތް އަދި އަމިއްލަ ހާލައިގެން ނޫޅެވޭ 65 އަހަރުން މަތީގެ 28 ފަރާތެއް އެބަތިބި ކަމަށެވެ.
އޭގެން ގިނަ ފަރާތްތަކަކީ މިހާރު ވެސް ސިއްހީ ގޮތުން އެކަށީގެންވާ ހާލަތެއްގައި ތިބި، އާއިލާތަކާއެކު ދިރުއުޅެވޭނެ ހާލަތުގައި ތިބި ފަރާތްތައް ކަމަށެވެ. އަދި އެފަރާތްތަކުގެ އާއިލާތަކުގެ ތެރެއަށް ގެންދިއުމަށް ސަރުކާރުން ތަކުރާރުކޮށް ގެންދަނީ އަންގަމުން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އާއިލާތަކުން އިޖާބަނުދިނުމުގެ ސަބަބުން ކޯޓު މެދުވެރިކޮށް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.