14 May 2015, 22:08
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ގަވާއިދާ ހިލާފަށް އުޅެމުންދާ 1953 ބިދޭސީއަކު އެ މީހެއްގެ އަމިއްލަ ގައުމަށް ފުރުވާލާފައިވާ ކަމަށް ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނުން ބުނެފި އެވެ.
އިމިގުރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރުގެ މިހާތަނަށް 13 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 34 ބިދޭސީއަކު އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ޑިޕާޓުމަންޓުން ބުންޏެވެ.
އެ އޮޕަރޭޝަންގައި ކުރިއަށް ގެންގޮސްފައި ވަނީ ޓީ ޖެޓީ ދޮންވެލި ޖަމާ ކުރާ ސަރަހައްދުން ކަމަށް ވެސް އިމިގުރޭޝަނުން ބުނެ އެވެ. އެ ޑިޕާޓުމަންޓުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގިނަވުމުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތައް ދިމާވަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކައިރި މުސްތަގުބަލެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ވެސް އިމިގުރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުންދާ ސަބަބުތައް ނައްތާލައި މައިގުރޭޝަން ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާތައް ކުރެވިފައިވެ އެވެ. ކުރިއަށް ގެންދެވިފައިވާ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއާ ސަރަހައްދީ ގައުމުތަކުގެ ދެމެދުގައިވާ މައިގުރޭޝަން ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގައި ކަނޑައަޅާފައިވާ މައިގުރޭޝަން ނިޒާމުގެ ތެރެއިން ބިދޭސީން ރާއްޖެއަށް ވަޒީފާއަށް އަންނަކަށް ކަށަވަރު ކުރެވިފައިވެ އެވެ،" އިމިގުރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިމިގުރޭޝަނުން ބުނީ ސިއްހީ ހާލަތު ހުރި ގޮތުން މިދިޔަ އަހަރު 105 ފަރާތެއް އެނބުރި ގައުމަށް ފޮނުވާލައިފަވާ ކަމަށެވެ. އަދި މިއަހަރު 36 ފަރާތެއް ފުރުވާލެވިފައިވާ ކަމަށް އެ ޑިޕާޓުމަންޓުން މައުލޫމާތުދެ އެވެ.
އިމިގުރޭޝަނުން މީގެކުރިން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 8،800 އަށް ވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ރާއްޖޭން ފުރުވާލާފައިވާ ކަމަށެވެ. އަދި އެކި ޖިނާއީ ކުށްތަކާއި ގުޅިގެން 282 ބިދޭސީއަކު ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް އެ ޑިޕާޓުމަންޓުން މައުލޫމާތުދެ އެވެ.