އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅިގެން ޖޭޕީ އާއި އެމްޑީޕީ އަދި އަދާލަތުގެ އިސް ބޭފުޅުން ޖަލަށްލިޔަސް އެ ބޭފުޅުން އެނބުރި އަންނާނެ ކަމަަށާއި އަނިޔާވެރި ކަމާއި ދެކޮޅަށް ސާބިތުވެ ތިއްބަވާނެ ކަަމަށް ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

'އަނިޔާވެރިކަމާއި ދެކޮޅަށް' އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާއިން ފުލުހުން ހައްޔަރު ކުރި އަމީން ބަންދުން މިނިވަންވެވަޑައިގަތުމުން ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވެސް ހުރީ އެގޮތުގައި ކަަމަށް އަމީން ވިދާޅުވި އެވެ.

"މުޖްތަމައުގެ އިސްލާހަށްޓަކައި ކުރަން ފެށި މަސައްކަތެއް ކުޑަ ގޮޅިއަށް ލުމަކުންނެއް ޖަލަށް ލުމަކުންނެއް ނުހުއްޓުވޭނެ. އަޅުގަނޑުމެންގެ އީމާންކަން އަދި އަޅުގަނޑުމެންގެ އަޒުމު އެއަށް ވުރެ މާ ވަރުގަދަވާނެ،" އަމީން ވިދާޅުވި އެވެ.

މުޒާހަރާއިން ހައްޔަރުކޮށްފައިވާ އެހެން ފަރާތްތައް ދޫކޮށްލުމަށް ވެސް އަމީން ވަނީ މިއަދު ގޮވާލައްވާފަ އެވެ.

"ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކޮށް ކޮށް ތިއްބާ ހައްޔަރުކުރި ފަރާތްތައް ދޫކޮށްލަށްވާށޭ،" އަމީން ވިދާޅުވި އެވެ.

ދޫނިދޫގައި ތިބި ފުލުހުންނަކީ 'ހިތްތިރި' ބައެއް ކަމަށާއި ބަންދުގައި ހުރިއިރު އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

ނަމަވެސް މުޒާހަރާ ތެރެއިން ބައެއް މީހުން ހިފާ ހައްޔަރުކުރުމުގެ ތެރޭގައި ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މަޝްވަރާއަށް ގޮވާލެއްވުމުން އަމީން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ސަރުކާރުން މަޝްވަރާއަށް ގޮވާލުމުގައި ސަރުކާރުގެ "އިޚްލާސްތެރިކަން" އޮތީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭ ކަަމަށް އަމީން ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް މޭޑޭ އަށް ފަންޑުކުރި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން އަމީން ވިދާޅުވީ ގާނޫނީ އިމުން ބޭރުން ބަޔަކު ކުރާ ކަމަކަށް ބާރު އެޅުއްވުމަށް ގާސިމް މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށެވެ.

"ގާސިމަކީ ގާނޫނޫ އަސާސީ އާއި ގާނޫނީ އިމުން ބޭރުން ގަވައިދުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރާކަށް މީހަކަށް ބާރުއަޅާނޭ މީހެއް ނޫން. އެހީތެރިވާނެ މީހެއް ނޫން،" އަމީން ވިދާޅުވި އެވެ.

މޭޑޭ މުޒާހަރާއާ ގުޅިގެން ފުލުހުން 193 މީހުން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ 175 މީހުންގެ އެވެ.