މޭޑޭ މުޒާހަރާގައި މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދިއުމަށް މުޒާހަރާ ލީޑު ކުރި ފަރާތްތަކުން އެންގި އެންގުމަކީ ނަމާދަށް ދިއުމަށް އެންގި އެންގުމެއް ނޫން ކަމަށާއި އެއީ އެއްވުން މަނާ ސަރަހައްދަކަށް ދިއުމަށް ބޭނުން ކުރި އުކުޅެއް ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އިސްމާއިލް ނަވީން ވިދާޅުވީ މުޒާހަރައިގެ ބައިވެރިން މޭޑޭގައި އިސްލާމީ މަރުކަޒާ ދިމާދަން ދިއުމަށް ހިނގާގަތުމުން ފުލުހުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރި ކަމަށެވެ. އަދި ފުލުހުންނާ ކުރިމަތިލުމަށް އައި ފަރާތްތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހާލަތާ ގުޅޭ ގޮތުން ފުލުހުން ދިޔައީ އަޅަމުން ކަމަށް ނަވީން ވިދާޅުވި އެވެ.

"ސިޔާސީ ފަރާތްތަކުން ވާހަކަ ދެއްކެވުމަށްފަހު ދެން ފެށިގެން ދިޔައީ ދުއާ ކުރުން. ދުއާ ކުރުމަށްފަހު ދެން މުޒާހަރާ ނުނިމޭނެ ކަމަށް އެތަނުގައި އިއުލާން ކުރި. އަދި ސަލާމަތީ ބާރުތަކާ ކުރިމަތިލާ ކަހަލަ ރޫހެއްގައި ކުރިމަތި ލުމަށް ގޮވާލާ އިސްލާމީ މަރުކަޒަށް ނަމާދަށް ދިއުމަށް ގޮވާލާފައި ވަނީ. އަދި މި ހިސާބުން އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔަ އެއީ ސިއްރުވެރި ގޮތަކަށް ފޮރުވިގެން ރޭވިގެން ދިޔަ ކަމެއް ކަން. އެއީ އަޅުގަނޑުމެން ސަލާމަތީ ގޮތުން ބަންދު ކޮށްފައި އޮތް ސަރަހައްދަކަށް ވަނުމަށްޓަކައި ރާވާފައި އޮތް ރޭވުމެއް ކަން. އެ އެއްވުމުގައި ވެސް އެ ހިސާބުން ގޮވާލީ ބަޔަކު ލީޑު ކުރާނެ ވާހަކަ އެ ސަރަހައްދަށް ދިއުމަށްޓަކައި އަދި އެމީހުންގެ ފަހަތުން ހުރިހާ ބައިވެރިން ވެސް ނަމާދަށް ދިއުމަށްޓަކައި ދިއުމަށް ގޮވާލާފައި ވަނީ،" ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ މުޒާހަރައިގެ ބައިވެރިން ނަމާދަށް ދިއުމަށް ގޮވާލިއިރު އެ ވަގުތު އެ މުޒާހަރައިގައި ތިބި ބައެއް ފަރާތްތައް ތިބީ ނަމާދު ކުރެވޭ ހާލަތުގައި ނޫން ކަމަށެވެ. އެގޮތުން ބައެއް ފިރިހެނުން ސޯޓު ލައިގެން ތިބިއިރު އެއްބައި އަންހެނުން ތިބީ ނަމާދު ކުރާނެ ސާމާނު ހިފައިގެން ނޫން ކަމަށް ނަވީން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މޭޑޭ މުޒާހަރައިގެ ކުރިން ފުލުހުންނާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުންތަކުގެ ވީޑިއޯ ފުޓޭޖު ދައްކާލާފަ އެވެ. އެގޮތުން މޭޑޭ މުޒާހަރާ އިންތިޒާމް ކުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މޭޑޭ މުޒާހަރައިގައި އެއްވެސް ހަމަނުޖެހުމެއް ހިނގިޔަ ނުދޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ އޭނާ އަމަލު ކުރައްވާނީ ގާނޫނާ ގަވާއިދުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން ޖަވާބު ދާރީ ވާންޖެހޭ ކޮންމެ ކަމަކަށް ޖަވާބު ދާރީ ވާނެ ކަމަށް އޭނާ ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.