14 May 2015, 17:28
އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ، އަދާލަތު ޕާޓީ އިސްވެ އޮވެ، މޭޑޭގައި ކުރި މުޒާހަރާގައި ބައިވެރިވެގެން ފުލުހުން ހައްޔަރުކޮށްފައިވާ ހަތް ކައުންސިލަރަކު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކޮށްފި އެެވެ.
"މި ކައުންސިލަރުން މިއަދުން ފެށިގެން ދެ މަސް ދުވަހަށް ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށެވެ." އެލްޖީއޭ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެލްޖީއޭ އިން ވަނީ ކައުންސިލްތަކާ ގުޅުން ހުރި އިތުރު މައްސަލަތަކެއް ދިރާސާ ކުރުމަށް ކޮމިޓީ އަކަށް ފޮނުވައިފަ އެވެ.
އެ މައްސަލަތަކުގެ ތެރޭގައި މިނިވަން 50ގެ ހަރަކާތްތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައިވާ އއ. އަތޮޅު ކައުންސިލާއި އދ. އަތޮޅު ކައުންސިލްގެ ދެ ކައުންސިލަރަކާ މެދު ފިޔަވަޅު އެޅުމުގެ މައްސަލަ ހިމެނެ އެވެ.
މީގެ އިތުރުން މޭ އެކެއްގައި މާލޭ ވަޑައިގެންނެވި ކައުންސިލަރުންގެ މައުލޫމާތު އެލްޖީއެއް ފޮނުވުމަށް އެންގުމުން އެ ސިޓީގެ ޖަވާބު ނުފޮނުވާ ތިއްބެވި ކައުންސިލްތަކުގެ ޒިންމާދާރުވެރިންނާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުގެ މައްސަލަ ވެސް ވަނީ ކޮމިޓީއަށް ފޮނުވާފަ ކަމަށް އެލްޖީއޭ އިން ބުނެ އެވެ.
އަދި ގދ. ތިނަދޫ ކައުންސިލުން އެލްޖީއޭ އިން "ބުނެފައި ނުވާ ވާހަކަތަކެއްް ބުނި ކަމަށް ހަދައިގެން ނޫސްބަޔާން ނެރެފައިވާތީ" އެ މައްސަލަ ވެސް ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށް އެލްޖީއޭ އިން ބުނެ އެވެ. އަދި ކޮމިޓީން ނިންމާ ގޮތެއް ދެން އޮންނަ ބޯޑް ބައްދަލުވުމަށް ހުށަހެޅޭނެ ކަމަށް އެލްޖީއޭ އިން ބުނެއެވެ.
މޭޑޭގެ މުޒާހަރާގައި ބައިވެރިވުމަށް ގިނަ ކައުންސިލަރުންތަކެއް މާލެ އައެވެ.