ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ހިންގާ ވެސްޓް ޕާކް ހުރި ބިން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، ވެސްޓް ޕާކް ހުސްކުރުމުގެ މަސައްކަތް އެ ކައުންސިލުން ފެށީ ސިވިލް ކޯޓުން އެގޮތަށް އަމުރު ކުރުމުން ކަމަށެވެ.

ސުލްހަވެރިކަމާ އެކު އެކަން ކުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވެފައިނުވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

ޖާބިރު ހިންގަމުން އައި ވެސްޓްޕާކްގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން ވަނީ އެތަން ހިންގުމަށް ކުރީގެ ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރާ ހަވާލުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެތަން ހުސްނުކޮށް ޖާބިރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުން ނިންމާފައި ވަނީ އެ ބިން ޖާބިރުގެ އަތުން ނަގައި އާމިރު މަންސޫރާ ހަވާލުކުރުމަށް ސިޓީ ކައުންސިލަށް އަމުރު ކުރާ ކަމަށެވެ.

ސަރުކާރަށް ޔޮޓް ޓުއާޒްއިން މަހެއްގެ މައްޗަށް 140،000 ރުފިޔާ ތަނުގެ ކުލީގެ ގޮތުގައި ދައްކަމުން ގެންދާ އިރު އެ ކުންފުންޏަށް ވެސްޓްޕާކް ކުއްޔަށް ދީފައިވާ މުއްދަތު 2012 ވަނަ އަހަރުގެ ސެޕްޓެންބަރު 30، ގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.