އިދިކޮޅު ފަރާތްތަކުން މާލޭގައި މޭޑޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އީސާ އިތުރު ފަރުވާ އަށް ލަންކާ އަށް ގެންގޮސްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ލަންކާ އަށް ފުރާފައި ވަނީ މިއަދު މެންދުރުފަހު އެވެ.

އީސަ ވިދާޅުވީ އޭނާގެ ކަރާ ދިމާލުންނާއި އުނަގަނޑާ ދިމާލުން މައިބަދައަށް އަނިޔާ ވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން އެކަމާ ގުޅޭ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މުޒާހަރާ އިން އޭނާ ހައްޔަރުކުރުމަށް ފަހު 15 ދުވަސް ބަންދަށް ޖެހި އެވެ. ނަމަވެސް މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން ފުލުހުން އިއްޔެ ވަނީ އޭނާ ދޫކޮށްލައިފަ އެވެ.