ދައުލަތައް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ޔޮޓް ޓުއާސްގެ އެކައުންޓްތައް ފުރީޒްކޮށްފައިވާ އިރު ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އެއްފަހަރާ ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އެކުންފުނިން އަންގައިފި އެވެ.

ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު މިއަދު ސަން އަށް ވިދާޅުވީ އެކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އަށް މިއަދު އަންގާފައިވާނެ ކަމަށެވެ.

"މައިގަނޑު ވާހަކައަކީ އަޅުގަނޑުމެން އެއްފަހަރާ ޕޭކުރަން ޓޫރިޒަމް މިނިސްޓްރީ އަށް އަންގައިފީމޭ،" ޖާބިރު ވިދާޅުވި އެވެ.

ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަދި އެކަމާ ގުޅިގެން މީރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފުރީޒް ކޮށްފައިވާ އެކައުންޓްތަކުން ދައްކަން ޖެހޭ ފައިސާ ދެއްކުމުން އެއެކައުންޓްތައް ދޫކޮށްލާނެ އެވެ.

ޓޫރިސްޓް ރިސޯޓް ހިންގުމާއި ސަޕްލައިކުރުމުގެ އިތުރުން ބޮންޑެޑް ވެއާހައުސް ހިންގާ ޔޮޓްޓުއާސްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެކައުންޓްތައް ފުރީޒު ކުރުމާ އެކު ވިޔަފާރި ހުއްޓިގެން ދިޔައީ ކަމަށެވެ. އެއީ ދައުރުކުރާ އެކައުންޓެއް ކަމަށާއި އެއެކައުންޓް ފުރީޒް ވުމުން "ޔޮޓްޓުއާސްގެ ވިޔަފާރިތައް ހުއްޓިފައިވާ" ކަމަށް ވިދާޅުވި އެވެ.

ފްރީޒު ކުރި އެކައުންޓަތަކުގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސްއާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެ އެވެ. ވިލާ އިން ދައުލަތަށް 90 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ނުދައްކަ އެވެ. މީގެ އިތުރުން އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އާއި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީޑީސީ އާއި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޖަޒީރާ ޕްރައިވެޓް ލިމިޓެޑާއި ތްރީއޭ ކޮމްޕެނީގެ އިތުރުން މެދުފުއްޓާއި ލެގޫން އިންވެސްޓްމަންޓާއި އެގްޒޯޓިކް ޕްރޮޕަޓީސް އާއި ކަނިފުށި އިންވެސްޓްމަންޓާއި އަހުމަދު ވަހީދު އާއި އަބްދުﷲ އަލީގެ އެކައުންޓްތަކެވެ.