ވޮޝިންޓަން (މޭ 14): ދެހާސް ސާދަ ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް އެމެރިކާ ފުލުހުންގެ އަތްދަށުން އެމެރިކާގެ އާންމު ރައްޔިތުންގެ 1500 މީހުން މަރާލާފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ކަޅުނަސްލުގެ މީހުން ކަމަށް އެމެރިކާގެ މަދަނީ މުއައްސަސާއެއް ކަމަށްވާ "ކިލްޑްބައި ޕޮލިސް" ފައުންޑޭޝަނުން ބުނެފި އެވެ.

އެމެރިކާ ފުލުހުންގެ އަމަލުތަކާއި ހަރަކާތްތައް ބަލައި މޮނިޓަރކޮށް ދިރާސާކުރާ އެ މުއައްސަސާއިން ހާމަކުރި ތަފާސް ހިސާބުގެ ރިޕޯޓަކާ ޙަވާލާދީ ތުރުކީގެ އަނަތޯލިޔާ ނޫސްއެޖެންސީ ބުނާ ގޮތުން އެމެރިކާގެ ސްޓޭޓްތަކުގައި މުޒާހަރާކުރާ އާންމުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމަކީ ވަރަށް އާންމުކަމެކެވެ. ބާރުގެ ބޭނުންކުރަން ނުޖެހޭ ތަންތަނުގައި ވެސް އެމެރިކާގެ ފުލުހުން ބާރުގެ ބޭނުން ކުރަމުން ގެންދާ ކަމަށާއި ފުލުހުންގެ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކަށް އެމެރިކާގެ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން ވެސް އަދި ފެޑްރަލް ސަރުކާރުން ވެސް އަޅާނުލާކަން ފާހަގަކުރެވޭ ކަމަށް އެ މުއައްސަސާއިން ބުނެ އެވެ.

"ކިލްޑްބައި ޕޮލިސް"ގެ ރިޕޯޓް ބުނާ ގޮތުން ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި އެމެރިކާގެ ފުލުހުންގެ އަތްދަށުން އާންމު ރައްޔިތުންގެ 1500 މީހުން މަރުވެ އެތަށްހާސްބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި ފުލުހުން އާބިޓްރަރީކޮށް އެތަށްބަޔަކު ހައްޔަރުކުރާ ކަމަށާ ނަމަވެސް އޭގެތެރެއިން ގިނަމީހުން ވަރަށް އަވަހަށް ދޫކޮށްލައެވެ. އެމެރިކާގެ ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެގައުމުގެ ކަޅުނަސްލުގެ މީހުންގެ އިންސާނީ ހައްގުތަކަށް ނަސްލީ އިމްތިޔާޒްގެ އުސޫލުން އަރައިގަތުން ހިމެނެއެވެ. ފާއިތުވި މަސްތަކުގައި އެމެރިކާގެ އެތަށް ސްޓޭޓެއްގައި ފުލުހުން ގަސްދުގައި ކަޅުނަސްލުގެ މީހުންގެ ގަޔަށް ބަޑިޖަހައި މަރާފައިވެއެވެ. މިޖަރީމާތަކާ ދެކޮޅަށް އެމެރިކާގެ މިރިލެންޑްގެ ބޯލްޓިމޯރ ގައިވެސް ދާދިފަހުން ވަރުގަދަ މުޒާހަރާތަކެއްކޮށްފައިވެއެވެ.

ޖެނީވާގައި ދާދިފަހުން ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ "ޔުނިވާސަލް ޕީރޮއޮޑިކް ރިވިއު" (ޔޫ.ޕީ.އާރު) ގައިވެސް ދުނިޔޭގެ އެތަށް ގައުމަކުން އެމެރިކާގެ ފުލުހުން އެގައުމުގެ ކަޅުނަސްލުގެ މީހުންނަށް އަނިޔާ ކުރަމުންގެންދާ މައްސަލާގައި އެމެރިކާ ސަރުކާރުގެ ވަފްދަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފައިވެއެވެ. މިމައްސަލާގައި އެމެރިކާވަނީ އެމަޖިލީހުގައި ހޫނުފެނަށް ވެއްޓި އަމިއްލަ ނަފްސުގެ ދިފާޢުގައި ވާހަކަ ދައްކަން ޖެހިފައެވެ.

އަދި ގުއަންޓެނާމޯ ޖަލުގައި ޝަރީޢަތަކާނުލައި މުސްލިމުންގެ އެތަށް ބަޔަކު ހައްޔަރުކޮށް އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލައާއި އަންހެނުންގެ ޙައްގުތަކާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުޢާހަދާތަކުގައި ސޮއިކުރުމަށް އެމެރިކާ ކަނޑައެޅިގެން ދެކޮޅުހަދަމުން ގެންދާ މައްސަލާގައިވެސް ޔޫޕީއާރުގައި އެމެރިކާއަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައެވެ. މީގެއިތުރުން ޓެރަރިޒަމްގެ ބަހަނާގައި އެމެރިކާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ހަނިކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)