މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު މިއަހަރު އޭޕްރީލް މަހު ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު ތިންޕަސެންޓު ދައްވެ، މުދާ އެކްސްޕޯޓްކުރި މިންވަރު 13 ޕަސެންޓު މައްޗަށް ޖެހިލައިފި އެވެ.

މި އަހަރުގެ އޭޕްރީލްމަހު ދިވެހިރާއްޖެއަށް 2.38 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލްމަހު 2.44 ބިލިއަން ރުފިޔާގެ މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައި ވެއެވެ.

މި މުއްދަތުގައި އިމްޕޯޓް ކުރެވުނު މިންވަރު ދަށްވެފައިވާއިރު، މިދިޔައަހަރު މި ދުވަސްވަރާ އަޅައިބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިއަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމާއި، މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރި މިންވަރު، ޢަދަދުގެ ގޮތުންވެސް މަދުކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް، ރާއްޖެއަށް އާންމުކޮށް އިމްޕޯޓް ކުރެވޭ މައިގަނޑު ބާވަތްތަކުގެ ތެރެެއިން ގިނަ ބާވަތްތައް އިމްޕޯޓްކުރި މިންވަރު މިމުއްދަތުގައި އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ފާއިތުވި އޭޕްރީލް މަހު ދިވެހިރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު 13 ޕަސެންޓު އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު 201.7 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައި ވާއިރު، މިއަހަރުގެ އޭޕްރީލް މަހު 227.5 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައި ވެއެވެ.

ހުސްވި އޭޕްރީލްމަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހާ އަޅައިބަލާއިރު %6 އިތުރުވެފައެވެ. 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް ޑިއުޓީގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު އެއަދަދު ވަނީ 165 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.