އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު އިއްވި ހުކުމްގައި ވަނީ މީހަކު ބަންދުގައި ބެހެއްޓުމުގައި ރިއާޔަތްކުރަންޖެހޭނެ އަދި ފަނޑިޔާރުން ވަޒަންކުރަންވާނެ ކަންތައްތަކެއް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ގަޒިއްޔާގައި ކަނޑައަޅާފައިވާގޮތުން ކުށް ސާބިތުވުމަށް ބޭނުންވާ މިންވަރަށް ހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ ކުށުގެ ބާވަތަށާއި، ކުށުގެ ތަބީއަތަށާއި، ކުށުގެ ކުޑަބޮޑުމިން ފަދަ ކަންކަމަށް ބަންދުގައި މީހަކު ބެހެއްޓުމުގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކީ ހުށަހެޅޭ ހުރިހާ ހެކި ގަރީނާތަކާއި ދައްކާ ވާހަކަތަކުގެ މައްޗަށް ފަނޑިޔާރުގެ ތަޤްދީރީބާރުގެ ތެރެއިން އެކަންކަން ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ ކަންތައްތަކެއްކަމަށް އެ ހުކުމްގައި ވެއެވެ.

އަލީވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި ޒާތަށާއި ތަބީޢަތަށް ބެލުމުން، އަދި ހާދިސާ ހިނގައިދިޔަގޮތް ކަމަށް ބުނެ ފުލުހުން ފާހަގަކުރި ކަންކަމަށް ބެލުމުން، އޭނާގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ މިންވަރަށް ކްރިމިނަލް ކޯޓަށް ހެކި ހުށަހަޅާފައިވާކަން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ފުލުހުން އަލީ ވަހީދު ހައްޔަރުކުރީ މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ.