14 May 2015, 15:09
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
އިމްރާންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ބަންދު މައްސަލަތަކުގައި ކޯޓަށް ހުށަހަޅަންޖެހޭނީ މައްސަލަ ޝަރީއަތަށް ސާބިތުވާ މިންވަރުގެ ހެއްކައި ގަރީނާ ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ކަމަށެވެ.
އެ ހުކުމްގައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުގެމަތިން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ބަލާއިރު، ތުހުމަތުކުރެވޭ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ އެމީހަކު ބަންދުގައި ބެހެއްޓިދާނެ ކަމަށެވެ.
ހައިކޯޓަށް ހާޒިރުކުރުމަށްފަހު އިމްރާނާއި އަލީ ވަހީދު ޕޮލިސް ލޯންޗުގައި ދޫނިދޫއަށް ގެންދަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
އިމްރާންގެ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އިމްރާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މުއްދަތު މަޖިލީހުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އިމްރާންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި ކަންހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު، އިމްރާން ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށް ވެސް އެ އަމުރުގައި ވެއެވެ.