ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ޕީޖީ އޮފީހައި ފުލުސް އޮފީހުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަމީންގެ މައްޗަށް ތުހުމަތުކުރާ ކުށަކީ ބިރުދެއްކުންކަން އެނގެން އޮންނަ ކަމަށެވެ.

އެ ހުކުމްގައި ވަނީ ބިރުދެއްކުމުގެ ގޮތުން އަމީން ކުރިކަމަކީ ކޮބައިކަން ނުވަތަ ދެއްކި ވާހަކައަކީ ކޮބައިކަން ބުނެދިނުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން ހުށަހެޅި ކަމަށެވެ. އެ ރިޕޯޓުގައި އޮތް ޑޮކިއުމެންޓުގައި މުޒާހަރާގައި އަމީން ދެއްކި ވާހަތަކައް ދެއްކި އިބާރާތުން ލިޔެފައިނުވާ ކަމަށާއި، އެއީ ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރަށް ދޭހަވިގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށް ފުލުހުން ހައިކޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އަމީންގެ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދިފައި ވަނީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށްވާއިރު، އޭނާ މުޒާހަރާގައި ދެއްކިވާހަކާގައި ބިރުދެއްކުމާއި ކުށަށް ހިތްވަރުދިނުންފަދަ ކަންކަން

ހިމެނޭ އިބާރާތްތަކެއް ވޭތޯ ބަންދާމެދު ގޮތެއް ނިންމުމުގެ ކުރިން އެކަށީގެންވާ ގޮތެއްގައި ފަނޑިޔާރު ބައްލަވާފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.