ވިޔަފާރި ކުންފުނިތަކުގެ މިސްރާބު ކަނޑައަޅައި ކުންފުނީގެ އަމާޒާއި ހާސިލް ކުރަން ބޭނުންވާ މަގުސަދުތަކާ ބެހޭ އެއްމެހާ ނިންމުންތަކުގެ ފަހު ބަސް ބުނާ ފަރާތަކީ ކުންފުނިތަކުގެ ބޯޑެވެ.

މި ބޯޑުތަކުގައި އަންހެނުން ގިނައިން ތިބުމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރާއިރު އަނެއް ބައި ފަރާތްތަކުން އެކަމާ އެހާ ތާއީދު ނުކުރެއެވެ.

ރާއްޖޭގެ ޕަބްލިކް ކުންފުނިތަކުގެ ބޯޑުގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުުރުމުގެ ގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ވަނީ ކޯޕަރޭޓް ގަވާނެންސް ކޯޑު އިސްލާހުކޮށްފައެވެ.

މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ކޮންމެ ކުންފުންޏެއްގެ ބޯޑުގައި ދެ އަންހެނުން ހިމެނަންޖެހެ އެވެ. އަދި 2016 ވަނަ އަހަރު ނިމުމުގެ ކުރިން ބޯޑްގެ 30 ޕަސެންޓްވާން ޖެހޭނީ އަންހެންނުންނަށެވެ.

އަންހެނުން ކުންފުނިތަކުގެ ބޯޑުގައި ތިބެންވީ ކީއްވެ؟

ހާވާޑް ޔުނިވާސިޓީގެ މަޖައްލާއެއް ކަމަށްވާ ހާވާޑް ބިޒްނަސް ރިވިއުގެ 2012 ވަނަ އަހަރުގެ ޖޫން މަހުގެ އަދަދުގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ ބޯޑުގައި އަންހެނުން ހިމެނޭ ކުންފުނިތަކުން 'ރިސްކް' މެނޭޖްކުުރުގައި މާކުޅަދާނައެވެ. ކަސްޓަމަރުންނާއި މުވައްޒަފުންނާއި ހިއްސާދާރުންނާއި މުޖްތަމައުގެ ކަންބޮޑުވުންތައް ހައްލުކުރުމުގައި އަންހެނުން ހިމެނޭ ބޯޑްތައް މާ ފުރިހަމަ އެވެ. މީގެ އިތުރުން ފިރިހިނުންނަށް ވުރެ އަންހެނުންގެ ބޭނުންތައް އަންހެނުންނަށް އެނގުމުން ކުންފުނިން ނިންމާ ނިންމުންތަކުގައި މިކަމަށް ރިޔާރަތްކުރެވިގެންދާނީ އަންހެނުން ބޯޑުގައި ހިމެނުންމުންނެވެ.

ޔޫރަޕްގައި މުދަލާއި ހިދުމަތް ގަންނަން ނިންމާ ނިންމުންތަކުގެ 70 ޕަސެންޓް ފަހަރުތަކުގައި ފަހުބަސް ބުނަނީ އަންހެނުން ކަމަށް ހާވާޑް ބިޒްނަސް ރިވިއުގައި ވެއެވެ. މީގެ އިތުރުން އަންހެނުން ހިމެނޭ ބޯޑު ތަކުގެ ކުންފުނީގެ ފައިދާ އާއި އާމްދަނީ އިތުރުވާ ކަަމަށް ތަފާސް ހިސާބު ދައްކާ ކަަމަށް ފޯބްސް ގައި ވެއެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަދި ޕެންޝަން ބޯޑާއި ސީއެމްޑީއޭ ބޯޑުމެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ މަރިޔަމް ވިސާމް ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކުގެ ބޯޑުގައި އަންހެނުން އިތުރުކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

އެކި ކަންތަކާއި ގުޅިގެން ބޯޑުގައި ޚިޔާލުފާޅުކުރާއިރު އަންހެން ބޭކަނބަލަކު އެ ބޭކަނބަލެއްގެ މަސައްކަތުގެ މައިދާން އަދި އާއިލާގަ ހުންނަ ކަންތައްތައް އަދި ހަަމައެއާއެކީ މުޖްތަމައުގެ ތެރޭގައި ހަރަކާތްތެރިވުމުގައި މިލިބޭ ތަޖުރިބާ އާއި ފިރިހެން ބޭކަލަކަށް ލިބިވަޑައިގަންނަވާ ތަޖުރިބާ އާއި ތަފާތު އެބަހުރި ކަމަށާއި އެ ތަފާތުތައް ވީހާވެސް ބޮޑުކޮށް ދެނެގަނެގެން އެ މަސައްކަތްތަކަށް އިތުރަށް ފާޑުކިޔުމަށް ބޭނުންވާ ވިސްނުން ގެނައުމަކީ އަންހެންނުން ބޯޑުގައި ހިމެނުމުގެ އެއް މަގުސަދު ކަމަށް ވިސާމް ވިދާޅުވި އެވެ.

އަދި މިކަމުގެ ސަބަބުން "މަޝްވަރާތަކަށް މުންސަދިކަން" އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ތަފާސް ހިސާބު ދައްކާ ގޮތުން 70 ޕަސެންޓާއި ގާތްކުރާ އަދަދަކަށް ދާއިމީ ވަޒީފާތަކުގައި ތިބީ ފިރިހެނުންނެވެ. އަދި ދާއިމީ ވަޒީފާތަކުގައި ތިބި އަންހެނުންގެ ޕަސެންޓަކީ 30 ޕަސެންޓެވެ.

މި ތަފާސް ހިސާބުން ދައްކުވައިދޭ އެއްކަމަކީ ރާއްޖޭގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާ ކުރަންޖެހޭކަން ދައްކުވައިދޭ ކަމަށް ވިސާމް ވިދާޅުވި އެވެ. މީގެ އިިތުރުން ނިންމުން ނިންމާ ލެވެލްގައި އަންހެން ބޭފުޅުންގެ ދައުރު ކުޑަ ކަމަށް ވިސާމް ވިދާޅުވި އެވެ.

އަންހެނުން ކުންފުނިތަކުގެ ބޮޑުގައި އިތުރު ކުރުމަށް ތާއީދުކުރައްވާ ކަމަށާއި އެހެން ނަމަވެސް ބޯޑަން އަންނަށްވާނީ ގާބިލު ތަޖުރިބާ ހުރި މީހުން ކަމަށް ގަބޫލުކުރާ ކަމަށް ވިސާމް ވިދާޅުވިއެވެ.

ޕަބްލިކް ކުންފުނިތަކަކީ އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ހިއްސާވާ ކުންފުނިތަކަކަށްވާތީ "މިކަހަލަ ކުންފުނިތަކުގަ ވަރަށް ބޮޑަށް ތަޖުރިބާ ބޭނުންވޭ، އަންހެން ބޭކަނބަލުން ބާރުވެރިން ކުރަން ބޭނުންވުމުގެ ސަބަބުންނެއް އެ ބޯޑުގެ މެމްބަރުކަމަށް އެންމެ އެކަށީގެންވާ ފަރާތެއްގެ ގޮތުގައި އެ ފަރާތެއް ކަނޑަނެއެޅޭހާ ހިނދަކު ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރަން އެންމެ އެކަށޭނީ އަންހެންބޭކަބަލަކޭ ދެންނެވުން އެއީ ރަނގަޅު ގޮތެއް ނޫން" ކަމަށް ވިސާމް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު އާތިފާ ވިދާޅުވީ، އަންހެނުންނަށް ބޯޑުތަކުން އިތުރަށް ޖާގަ ދިނުން ވަރަށް މުހިއްމު ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކުންފުނިތަކުގެ ބޯޑުގައި އަންހެނުން އިތުރުވުމަށް ހުރަސްތަކެއް ހުރި ކަަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެ ހުރަސްތައް ނައްތާލުމަށް ދާދި ފަހުން ރާއްޖޭގައި ވަނީ ބޯޑުތަކުގައި އަންހެނުން އިތުރުކުރުމަށް ޖަމްއިއްޔާއެއް ވެސް އުފައްދާފަ އެވެ.

ބޯޑަށް ދިއުމަށް އެހީތެރިވެދޭ ޖަމްއިއްޔާ

'ވިމެން އޮން ބޯޑްސް' ނަމުގައި އުފައްދާފައިވާ މި ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ އަންހެނުން އިތުރުކުުރުމާއި ބޯޑަށް އަންހެނުން ތައްޔާރުކޮށްދިނުން ކަމަށް އެ ޖަމިއްޔާގެ ކޯ ފައުންޑާ މެމްބަރު ފާތުމަތު ޝަފީގާ ވިދާޅުވި އެވެ.

އަންހެނުން ބޯޑުތަކަށް އައުމަށް ހުރަހެއް ނެތް ކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް ސީއެމްޑީއޭގެ ބޯޑުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ޝަފީގާގެ ވިސްނުން ތަފާތެވެ.

"ހުރަހެއް ނެތް ކަމަށް ވިދާޅުވިޔަސް ބޯޑުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ލިސްޓެޑް ކުންފުނިތަކުގަ މަދު އަންހެނުން. އޭގެ މާނައަކީ އަންހެނުންނަށް އަދި އިތުރު ފުރުސަތު ދޭންޖެހޭކަން އެ އިން އެނގެނީ،" ޝަފީގާ ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސީއެމްޑީއޭގެ ބޯޑުގައި އަދި އެ އޮތޯރީޓީގެ ސީއީއޯގެ ގޮތުގައި މަސައްކަތްކުރެއްވި ޝަފީގާ ވިދާޅުވީ "ގިނަ ފަހަރަށް ބޯޑަށް ތައްޔާރުވެގެން އަންނަނީ އަންހެން ބޭފުޅުން ކަމަށް މައުލޫމާތުލިބިފައިވާ" ކަމަށެވެ. މި ޖަމިއްޔާއިން އަންހެން ބޭފުޅުންނަށް ވެދޭ އެހީތެރިކަމުގެ ތެރޭގައި ޖަމިއްޔާގައި ރަޖިސްޓްރީވުމުން ބޯޑަށް ތައްޔާރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ކަމަށް ޝަފީގާ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ޕްރެޒެންޓޭޝަން ސްކިލްސް، ބޯޑުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން ތަޖުރިބާ ހިއްސާކުރާނެ ބޯޑުގަ ކަންތައްތައް ކުރަންވީ ގޮތާއި ބެހޭ ގޮތުން މައުލޫމާދިނުން ހިމެނޭ" ކަމަށް ޝަފީގާ ވިދާޅުވި އެވެ.

ކުންފުންޏަކުން ބޯޑު މެމްބަރަކަށް އެދިއްޖެނަމަ އެ ޑޭޓާ ބޭސް ބަލާފައި އެންމެ ރަނގަޅު ކެންޑިޑޭޓަކު ރެކަމެންޑް ވެސް ކޮށްދޭނެ ކަަމަށް ޝަފީގާ ވިދާޅުވި އެވެ.

ކުރިން ދިރާގުގެ ޗެއާމަނަކަށް ހުންނެވި އާތިފު ޝަކޫރު ވެސް ވިދާޅުވީ ކުންފުނީގެ ބޯޑުގައި އަންހެނުން ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

"އަޅުގަނޑުގެ ތަޖުރިބާއަކީ ހުސްއެކަނި ބޯޑުގައެއް ނޫން، މެނޭޖްމެންޓްގެ ތަފާތު ޚިޔާލުތަކުގެ މީހުން ތިބީމަ، ތަފާތު ޚިޔާލު އަޑުއެހީމަ އޮޕްޝަންސްތައް އެބަގިނަވޭ. ރަނގަޅު އޮޕްޝަންސްތައް އަޑުއިވުނީމަ އެ އޮޕްޝަންސްތަކުގެ މައްޗަށް ނިންމުން ނިންމުމަކީ މިއީ އެންމެ ރަނގަޅު ގޮތަކީ،" އާތިފު ވިދާޅުވިއެވެ. ނަމަވެސް ގާނޫނުތަކުން ނުވަތަ ގަވައިދުތަކުން ވަކި ވަރަކަށް ބޯޑުގައި އަންހެން ބޭފުޅުން ބޭތިއްބުމަށް މަޖުބޫރުކުރުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

"މިސާލަކަށް ތި ބޭފުޅުން ބައްލަވާ އެމްއެމްއޭ. ހުރިހާ އިސް މަގާމެއްގައި ހެން އަންހެން ބޭފުޅުން،" މިއީ ގާނޫނަކުން ނުވަތަ ގަވައިދަކުން ކުރި ކަމެއް ނޫން ކަމަށް އާތިފު ވިދާޅުވި އެވެ.

މިހާތަނަށް މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކާއި އެކި ބޭފުޅުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެނގޭ ގޮތުގައި ކުންފުނީގެ ބޯޑުގައި އަންހެނުން ހިމެނުމަކީ ކުންފުންޏަށް ތަފާތު އެތައް ގޮތަކުން ފައިދާވާ ކަމެކެވެ. އެހެންކަމުން ކުންފުނިތަކުން މިކަަމަށް ވިސްނަން ޖެހެ އެވެ. ވަކި ގަވއިދަކުން މަޖުބޫރުކޮށްގެން މިކަން ކުރިއަސް ނުވަތަ ހަމަހަމަ ފުރުސަތުތަކެއް ދީގެން މިކަން ކުރިއަސް މިއީ ކުރަންޖެހޭ ކަަމެކެވެ. ކުންފުނިތަކުގެ ބޯޑު ރޫމުގެ ދޮރުން އަންހެންބޭފުޅުންނަށްޓަކައި ހުޅުވާލުމުން އެ ދޮރުހުޅުވާލެވުނީ އާ ޚިޔާލާއި ފިކުރުތަކެށެވެ. މީގެ ނަތީޖާ އަކަށް ވެގެންދާނީ މާލީ ގޮތުންނާއި އުފުންދުންތެރިކަމުގެ ގޮތުން ކުންފުނި ރަނގަޅުވުމެވެ.