14 May 2015, 14:49
އާދިއްތަ ދުވަހުގެ ރޭ މާފުށީޖަލުގައި މަރުވި ގައިދީ ދ. މާއެނބޫދޫ، ރޯޝާނީގެ، އަހުމަދު ލިޝާން، 23، މަރުވެފައިވަނީ ގުދުރަތީ މަރަކުންކަން މިހާތަނަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު ވިދާޅުވީ ޖަލުގައި އޮތް ގައިދީއަކު މަރުވެފައި ވަނީ މެޔަށް ތަދެއް އަރައިގެން އުޅެނިކޮށް ކަމަށާއި އޭނާ މަރުވެފައި ވަނީ ޖަލު ޑޮކްޓަރުން ފަރުވާދެމުންދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް އެނގުނުގޮތުގައި ލިޝާންގެ ބޭރުފުށުން އެއްވެސް އަނިޔާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް ކަމަށެވެ.
"ބޭރުފުށަށް އެއްވެސް އަނިޔާއެއް މިހާތަނަށް ކުރި ތަހުގީގުން އެނގިފަ އެއް ނުވޭ، އަދި ތަހުގީގު ނުވެއް ނިމޭ،" ފުލުހުން ބުންޏެވެ.
ލިޝާން މަރުވެފައި ވަނީ ގުދުރަތީ މަރަކުންކަމަށް ހޯމް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މާފުށީ ޖަލުގައި ގައިދީއަކު މަރުވެފައި ވަނީ "ގުދުރަތީ މަރަކުން" ކަމަށެވެ. އަދި މަރުވެފައިވާ ގައިދީއަކީ މާފުށީ ޖަލުގައި އާންމު ގައިދީން ބަންދުކޮށްފައި ތިބޭ ލުއި ޔުނިޓްގައިވާ ގައިދީއެއް ކަމަށް ތަޒްމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮޅިތަކުގައި ތިބި ގައިދީން "ބޯ ގުނުމަށް" ޖަލު އޮފިސަރުން ގައިދީ މަރުވިރޭ ގޮޅިތަކަށް ވަދެ އުޅެނިކޮށް އޮފިސަރެއްގެ ކައިރީގައި މެޔަށް ތަދެއްއަރައިގެން އުޅޭ ވާހަކަ އޭނާ ބުނި ކަމަށެވެ.