14 May 2015, 14:28
ސަރުކާރާއެކު ކުރާ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަލީވަހީދަށް ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ކަމަށް އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒު ވިދާޅުވީ ރައީސް ޔާމީނާއެކު މަޝްވަރާކުރަން އެމްޑީޕީ އޮތީ އަބަދުވެސް ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އެ މަޝްވަރާ ބައްދަލުވުންތަކުގައި ރައީސް ނަޝީދާއި އަލީ ވަހީދަށް ބައިވެރިވެވަޑައިގެންނެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދާއި ޗެއާޕާސަން އަލީ ވަހީދު ހިމެނޭ ގޮތަށް އަޅުގަނޑުމެންގެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ މަޝްވަރާނުކޮށް ކަންކަން ހައްލުނުވާނެ ކަމަށާއި އަބަދު މުޒާހަރާކުރާކަށް އެއްވެސް ރައްޔިތަކު ބޭނުންނުވާނެ ކަމަށެވެ.
"މަޝްވަރާނުކޮށެއް ނުވާނެ. އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ އަބަދު މުޒާހަރާތަކާއި ހަޅުތާޅުކުރުމުގައިވެސް އުޅޭ ކަށް. މި ހަޅުތާލުކުރަނީ ކީއްވެގެންކަން އެބަ ބަލަން ޖެހޭ،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ރައީސް ޔާމީނާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވެސް އިންނަވަންޖެހޭނެ ކަމަށެވެ.
ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން މިއަދު ވަނީ އަނެއްކާވެސް އިލްތިމާސްކުރައްވާފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ދެވަނަ ފަހަރަށް ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް އެގޮތަށް އިލްތިމާސް ކުރެއްވި އެންމެ ބޮޑު އެއް ބޭނުމަކީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުން ކަމަށެވެ.
އެކަމާގުޅިގެން ނޫސްވެރިން މިއަދު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިފާޒު ވިދާޅުވީ، ރައީސް ޔާމީން ޕާޓީތަކާ އެކު މަޝްވަރާކުރަން ބޭނުންވާ ކަމެއް ރަސްމީކޮށް އެނގިފައި ނުވާ ކަމަށާއި، މަޝްވަރާކުރަން ބޭނުންވާކަން އެނގުނީ މީޑިއާއިން ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައިވާއިރު، ގާނޫނު އަސާސީއާ ޚިލާފަށް އެހައްގު ހަނިކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.