14 May 2015, 14:03
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އެޗްއާރްސީއެމްގެ މެމްބަރު އަހްމަދު އަބްދުލްކަރީމް މިއަދު ސަން އަށް ވިދާޅުވީ އީސައަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެކޮމިޝަންގެ ޓީމެއް ދޫނިދު އަށް ގޮސް ތަހުގީގުގެ ބައެއް ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ.
"އަހްމަދު އީސާ އަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަޅުގަނޑުމެން ތަހުގީގުކުރަމުން މިދަނީ. އަދި އެ މައްސަލައިގެ ތަހުގީގަށް އަޅުގަނޑުމެން ދޫނިދު އަށް ވެސް ޒިޔާރަތްކުރިން. އަހްމަދު އީސާގެ އިތުރުން އިތުރު ބަޔަކަށް ފުލުހުން އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަތައް ވެސް މިކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުން،" އަހްމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ރޭ ވިދާޅުވީ އީސައާ މެދު އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ފުލުހުން ހިންގާފައިވާ ނަމަ، އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނެ ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ހައްޔަރުކުރި އީސަގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސްޖަހާފަ އެވެ. އެހެންނަމަވެސް ޑޮކްޓަރުގެ ރިކޮމެންޑޭޝަންސްތަކަށް ބެލުމަށް ފަހު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމަށް އީސަ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އީސަ ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ފުލުހުން އޭނާ ހައްޔަރުކުރުކޮށް އިންޒާރުދިނުމަށް ފަހު އަނިޔާކޮށްފައިވާ ކަމަށެވެ.
އީސަ ވިދާޅުވީ އޭނާގެ ކަރާ ދިމާލުންނާއި އުނަގަނޑާ ދިމާލުން މައިބަދައަށް އަނިޔާ ވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ނިންމާފައި ވަނީ މައިބަދައަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ ކަމަށެވެ.