މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް 11 ކުންފުންޏެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން އަންގައިފަ އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރާ ކޮންމެ ފަހަރަކު މީރާ އިން ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ އެންފޯސްމެންޓް ޕޮލިސީގެ ދަށުން ކަމަށެވެ.

އެންފޯސްމެންޓް ޕޮލިސީ އަކީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދާނެ ގޮތްތަކަކާއި އުސޫލުތައް ކަނޑައެޅުމެވެ.

މި ޕޮލިސީ އެކުލަވައިލުމުގެ މަގުސަދަކީ "ފަައިސާ ނުދައްކާ ފަރާތްތަކާ މެދުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމާއި އެ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމުގައި އަދި ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެކަން ހަމަޖައްސައި ދިނުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން،" ކަމުގައި މި ޕޮލިސީގައިވެ އެވެ.

އެހެންކަމުން މިއިން ދޭހަކޮށްދެނީ މި ޕޮލިސީގެ ބޭނުމަކީ 'ގަދަކަމުން' ފައިސާ އަތުލުމުގެ ބަދަލުގައި 'ލުއި' ގޮތްތަކެއް ދީގެން ނަމަވެސް ފައިސާ ހޯދުމެވެ.

މި ޕޮލިސީގެ ތިން ވަނަ މާއްދާ، ލިބެން ޖެހޭ ފައިސާ ހޯދުމުގައި އަމަލުކުރާނެ އުސޫލުކަމުގައި ބަޔާންވެފައިވާ އެއް މާއްދާގައި "ފައިސާ ނުދައްކާ ފަރާތްތަކުން މި ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ދެއްކުމުގައި އެއްވެސް ލުޔެއް ހޯދަން އެދިފައިވާ ނަމަ އެފަދަ ލުޔެއް ދިނުން ކަމަށް"ވެ އެވެ.

ހަމަ އެއާ އެކު މި ފައިސާ ނުލިބޭ ނަމަ ކޯޓަށް ދިއުމުގެ އިޚުތިޔާރު ވެސް އެބައޮތް ކަަމަށް އެ ޕޮލިސީގައިވެ އެވެ. އެ ޕޮލިސީގެ ދެވަނަ ބާބުގައި ބުނެފައި ވަނީ "އެގްރިމެންޓެއްގެ ދަށުން ލިބެން ޖެހޭ ފައިސާއެއް ނަމަ އެގްރިމެންޓްގައި ފައިސާ ހޯދުމުގައި އަމަލުކުުރުމާ ބެހޭ ގޮތުން ހިމެނިފައިވާ އެއްވެސް މާއްދާއަކާއި ތައާރަޒް ނުވާގޮތުގެ މަތިން މި ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުމުގައި" އަމަލުކުރެވިދާނެ ކަމަށެވެ.

މި ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުން ދައްކަން ޖެހޭ ފައިސާގެ ސައްޚަކަން މީރާއިން ޔަގީން ކުރަންޖެހެ އެވެ. އަދި އެންމެ ފުރަތަމަ މި ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދެވެ އެވެ. އަދި މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ "ގާނޫނީ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށާއި އެގްރިމެންޓްގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުގައި ދަންނަވާނެކަން އަންގައި" އިތުރު 20 ދުވަސްދެ އެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ވެސް ފައިސާ ނުދައްކާ ނަމަ ސަރުކާރުގެ އިދާރާތަކުން އެޅެން ހުރި އިދާރީ ފިޔަވަޅުތައް އެޅުމަށް އެންގުމުގެ އިހްތިޔާރު މީރާ އަށް ލިބިދީފައިވެ އެވެ. އެކައުންޓްތައް ފްރީޒް ކުރަން އަންގަނީ މި ބާރުގެދަށުން ކަަމަށް ބެލެވިދާނެ އެވެ.

އަދި މީރާ އަށް ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު ވެސް ދީފަ އެވެ.