14 May 2015, 13:57
ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ރަމަޟާން މަހު ދެމުން އަންނަ ރޯދަ އިނާޔަތް އެންމެންނަށް ހަމަހަމަކޮށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ރޯދަ މަހުގެ އިނާޔަތް ސަރުކާރު ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ދިނުމާ މެދު ސަރުކާރުން ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަންތައް އެގޮތަށް ކުރުމަށް ޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޯދަ އިނާޔަތް އެންމެންނަށް ހަމަހަމަކޮށް ދޭން ސަރުކާރުން ވަނީ ނިންމައިފައި، ދެން އެ މަސައްކަތް ކުރިއަށް ދާނީ މަޖިލީހުގެ ތެރެއިން ގާނޫނަށް ބަދަލު ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.
ކަލަންރުގައިވާ ގޮތުން ރޯދަ މަސް ފެށެނީ އަންނަ ޖޫން މަހު 18ގަ އެވެ. އަދި ޗުއްޓީ އަށް ފަހު ރައްޔިތުންގެ މަޖިލީސް ފެއްޓެނީ ޖޫން މަހު 1 ވަނަ ދުވަހު އެވެ. އެހެންކަމާ އެކު އެ ބަދަލު ގެނަޔަސް، މި އަހަރުގެ ރޯދަ މަހުން ފެއްޓިގެން އެ އުސޫލުތަންފީޒު ކުރެވޭނެ ކަމެއް އަދި ނޭނގެ އެވެ.
އެންމެންނަށް ހަމަހަމަކޮށް ރޯދަ އިނާޔަތް ދިނުމާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާއިރު ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ މުސާރައިގެ ތިން ބައިކުޅަ އެއްބަ އެވެ. ނަމަވެސް 2،000 ރުފިޔާ އަށް ވުރެ މަދުން މުސާރަ ލިބޭ މީހުންނަށް ރަމަޟާން މަހުގެ އެލަވަންސަށް 2،000ރ. ދޭންޖެހޭ އިރު، މުސާރައިގެ ތިން ބައިކުޅަ އެއްބައި 10،000ރ. އަށް ވުރެ ބޮޑުނަމަ، ދޭނީ 10،000ރ. އެވެ.
ރޯދަ މަހުގެ އިނާޔަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯމިދިޔަ މަހުގެ ތެރޭގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވެފައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މަޝްވަރާ ކުރެއްވުމަށް ފަހު ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"ދިހަ ހާސް ރުފިޔާ ލިބޭ މީހުންގެ އަތުން ބަހާލީމަ ކޮންމެ މީހަކަށް މި ބޮޑުވެގެން ދަނީ 50 ރުފިޔާ ވަރު. އެހެންވީމާ އެ އަދަދަކުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތްތާ. މިހާރު ރޯދަ އިނާޔަތް 3000 ރުފިޔާއަށް ވެސް ބޮޑު ކުރަން މިއަހަރަށް އެބަ ބޭނުންވޭ 36 މިލިއަން ރުފިޔާ ވަރު. އެހެންވީމާ މިއަހަރަށް މިވަނީ އެކަން ބަޖެޓުކޮށް ނިންމާފައި. ދެން އަންނަ އަހަރަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން ރަނގަޅު ގޮތެއް ހެދޭތޯ." ނިހާން ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވެ އެވެ.