14 May 2015, 12:34
ފިލިޕީންސްގެ ވެރިރަށް މެނީލާގައި ހުންނަ ރަބަރު ބޫޓު އުފައްދާ ފެކްޓަރީއެއްގައި ރޯވެ، 72 މީހުން މަރުވެއްޖެ އެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަލިފާން ރޯވީ ފެކްޓަރީގައި ވެލްޑިން ކުރުމުގެ މަސައްކަތެއް ކުރިއަށް ދަނިކޮށް އެތާ ކައިރީގައި ހުރި އަލިފާން ހިފާ ޒާތުގެ ކެމިކަލްތަކަކަށް ވެލްޑިން ކަނިތަކެއް ބުރުމުންނެވެ.
އެވަގުތު އަލިފާންގަނޑު ވަރަށް ބާރަށް ފެތުރިގެން ދިޔަ ކަމަށާއި ފެކްޓަރީގައި ތިބި ބައެއް މީހުން އެތަނުން ނުކުތް ނަމަވެސް ފެކްޓަރީގެ ދެވަނަ ފަންގިފިލާގައި ތިބި މީހުން އެތެރޭގައި ތާށިވީ ކަމަށް ބީބީސީ ރިޕޯޓުގައިވެ އެވެ. އަލިފާން ރޯވި ފެކްޓަރީގެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ އިރު އެ ފެކްޓަރީ ތެރޭގައި އަދި ވެސް މީހުން ތިބި ކަމަށް ބެލެވޭކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ފެކްޓަރީގައި އަލިފާން ރޯވެ އަނދާފައި ---- ފޮޓޯ/ އޭޕީ
އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އެތަނުން ބައެއް މީހުން ނެރުނު ކަމަށާއި ނަމަވެސް އެމީހުންނަށް މާބޮޑަށް ދުމުގެ އަސަރުކޮށް ނޭވާލަން އުނދަގޫވުން ފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
ފެކްޓަރީގައި އެވަގުތު ތިބިކަމަށް ބެލެވޭ މީހުންގެ ތެރެއިން 26 މީހަކު އަދި ވެސް ނުފެނެ އެވެ. ނަމަވެސް އެމީހުން މަރުވީ ކަމެއް ނުވަތަ އަލިފާން ރޯވި ވަގުތު ފެކްޓަރީ އިން ނުކުމެގެން ދިޔައީކަމެއް އަދި ސާފެއް ނުވެ އެވެ.

ފެކްޓަރީގައި އަލިފާން ރޯވެ އަނދާފައި ---- ފޮޓޯ/ އޭޕީ
އަލިފާން ރޯވިވަގުތު ފެކްޓަރީގެ ދެވަނަ ފަންގިފިލާގައި ތިބި މީހުން އެމީހުންގެ އާއިލާތަކަށް ވެސް އެހީއަށް އެދި މެސެޖްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައްބުނެ އެވެ.
ރޯވި އަލިފާންގަނޑު ކޮންޓްރޯލުވީ ފަސް ގަޑިއިރުގެ މަސައްކަތުންނެވެ. ފިލިޕީންސްގެ ފުލުހުން ބުނީ އެ ހާދިސާ ހިނގައި ގިނަ ބަޔަކު މަރުވެފައިވާ އިރު ފެކްޓަރީގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ނޫން ކަމަށެވެ. އެހެންކަމުން ތަހުގީގެއް ކުރާނެކަމަށް ފިލިޕީންސްގެ ފުލުހުން ބުނެ އެވެ.